ޖޭއެސްސީ

ޖޭއެސްސީގެ އިންސާފުވެރިކަމެއް ނެތް: އުޝާމް

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޖުޑިޝަލް ސާވިސް ކޮމިޝަނުން މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމާއި ހަމަހަމަކަން ނުގެންގުޅޭކަން ހާމަވާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑުކުރަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމަވާފައިވަނީ މިދިއަ އަންގާރަ ދުވަހެވެ. އެ ނިންމެވުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ޖޭއެސްސީން މިއަދު ބުނީ ގާޒީ އިސްމާއީލް ރަޝީދު 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމީ، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެއްކަށް ރިއާއަތްކޮށް، މަގާމުގައި ދެމިހުރެއްޖެނަމަ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ފެންނާތީ ކަމަށެވެ.

އުޝާމް ވިދާޅުވީ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ އަދި ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޖޭއެސްސީއިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމާ ހަމަހަމަކަން އެއްވެސް މިންވަރަކަށް ނުގެންގުޅޭކަން ވަރަށް ސާފު ކަމަށެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ އަދި ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޖޭއެސްސީއިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމާ ހަމަހަމަކަން އެއްވެސް މިންވަރަކަށް ނުގެންގުޅޭކަން ވަރަށް ސާފު
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުކޫލީ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

އޭނާގެ މައްސަލަތައް ބަލަމުންދިޔަނަމަވެސް މަގާމުން ސަސްޕެންޑްކޮށްފައެއް ނުވެއެވެ.

މި ސަރުކާރު އައިފަހުން ޖޭއެސްސީގެ މެންބަރުން ވަނީ ބަދަލުވެފައެވެ. އެއާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ގިނަ ފަނޑިޔާރުންތަކެއް ވަނީ މަޖިލިސް މެދުވެރިކޮށް މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންނާއި ކްރިމިނަލް ކޯޓްގެ ބައެއް ފަނޑިޔާރުން ހިމެނެއެވެ.