ޓޫރިސްޓް އެރައިވަލް

މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިނގިރޭސިލާތުން

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އަވަސްއާ ހިއްސާ ކޮށްފައިވާ ޓޫރިސްޓުން އައި އަދަދު ދައްކުވައިދޭ ފެކްޓް ޝީޓްގައިވާ ގޮތުން މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން ރާއްޖެއަށް 70 ޓޫރިސްޓުން އައިސްފައިވެ އެވެ. އޭގެތެރޭ ހިމެނެނީ 34 އަންހެނުންނާއި 36 ފިރިހެނުންނެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ވެސް ގައުމެކެވެ.

ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވުމާއެކު އެންމެ ގިނައިން ދެވަނަ އަށް ޓޫރިސްޓުން ޒިޔާރަތް ކުރަމުން ގެންދަނީ އެމެރިކާއިންނެވެ. އެ ގައުމުން މިހާތަނަށް 66 މީހުން އައިސްފައި ވެއެވެ. އެއީ 32 އަންހެނުންނާއި 34 ފިރިހެނުންނެވެ. ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން 31 މީހުން އައިސްފައިވެ އެވެ. އެއީ 14 އަންހެނުންނާއި 16 ފިރިހެނުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފެކްޓް ޝީޓް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓުން އަންނަން ފެށި އިޓަލީވިލާތުން މިހާތަނަށް އައިސްފައި ވަނީ 10 މީހުނެވެ. އެއީ ދެ އަންހެނުންނާއި އަށް ފިރިހެނުންނެވެ.

އިމިގްރޭޝަނުން އިއްޔެ ބުނެފައިވާ ގޮތުގައި މިހާތަނަށް ރާއްޖެއަށް 443 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖުމްލަ އައިސްފައިވަނީ 449 މީހުންނެވެ. އިމިގްރޭޝަނުން އިއްޔެ ބުނީ ޓޫރިސްޓް އެރައިވަލްސްގެ އިތުރު ތަފުސީލް ހިމެނޭ ރިޕޯޓެއް ތައްޔާރު ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އެއާލައިންތަކުން ވަނީ ރާއްޖެއަށް އުދުހެން ފަށާފަ އެވެ. މިހާތަނަށް ގަތަރު އެއާވޭސް އާއި އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސް އަދި ސްރީލަންކަން ފަދަ އެއާލައިންތަނުން ވަނީ ދަތުރުތައް ފަށާފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވެއެވެ. ނަމަވެސް މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން ހެދި ދިރާސާއިން ދެއްކީ 450،134 ޓޫރިސްޓުންނެވެ.