ކުޅިވަރު

ގޮންޖެހުންތަކާއެކު ޒުވާން ދެ ކޯޗުން ތައްޓަށް

ޗެލްސީއަށް ޔޫރޮޕާ ލީގް ހޯދައިދިނުމަށް ފަހު މައުރީޒިއޯ ސާރީ އެނބުރި އިޓަލީއަށް ދިޔައީ ޔުވެންޓަސްއިން އަގުބޮޑު ހުށަހެޅުމެއް ލިބުމުގެ އިތުރަށް އަމިއްލަ ގައުމުގައި މަސައްކަތް ކުރުމުގެ ބޭނުމުގަ އެވެ. ޓީމުގެ ތަރި އެޑެން ހަޒާޑްވެސް ރެއާލް މެޑްރިޑަށް ބަދަލުވާ ގޮތަށް އޭރުވެސް އޮތީ ހަމަޖެހިފަ އެވެ.

ތަޖުރިބާކާރު ކޯޗެއްގެ ބަދަލުގައި ޗެލްސީން ކޯޗް ކަމަށް ހަމަޖެއްސީ އެ ޓީމުގެ ކުރީގެ ކެޕްޓަން ފްރޭންކް ލަމްޕާޑް އެވެ. ޑާބީ ކައުންޓީ އާއެކު ޗެމްޕިއަންޝިޕްގެ ޕްލޭއޮފްއަށް ދަތުރު ކުރި ލަމްޕާޑްގެ ކިބައިގައި ޓޮޕް ޑިވިޝަންގައި ކޯޗް ކޮށްދިނުމުގެ އެއްވެސް ތަޖުރިބާއެެއް އޭރު ނެތެވެ. ޗެލްސީގެ ކޯޗް ކަމާ އޭނާ ހަވާލުވިރި ޓީމަށް އޮތީ އުނދަގޫ ހާލަތެއް ކުރިމަތި ވެފަ އެވެ.

ފީފާގެ ޓްރާންސްފާ ބޭން ގެ ފިޔަވަޅާއެކު ކުޅުންތެރިން ގެނެވޭނެ ގޮތެއް ނެތެވެ. އެ ޓީމުން ގެނައި ހަމައެކަނި ކުޅުންތެރިޔަކީ ބުރޫޝިއާ ޑޯޓަމުންޑަށް ކުޅެމުން ދިޔަ ކްރިސްޓިއަން ޕްލިސިޗް އެވެ. އޭނާ ޓްރާންސްފާގެ މުއަމާލާތް ޗެލްސީން ނިންމިއިރު ފީފާގެ ފީޔަވަޅު އޮތީ ނާޅަ އެވެ. ޓީމުގެ ތަރި ހަޒާޑް ރިޕްލޭސްމެންޓަށް ގެނައި ޕްލިސިޗްގެ ފަރާތުން ސީޒަންގެ ކުރީ ކޮޅުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކާ އެކުވެސް ޗެލްސީ އާއެކު ފުރަތަމަ ސީޒަންގައި ލަމްޕާޑް ކާމިޔާބު މަސައްކަތެއް ކޮށްފި އެވެ. އުމުރުން 30 މަތީގައި ތިބި ދެ ފޯވަޑުން ކަމަށްވާ ވިލިއަން އާއި އޮލިވާ ޖިރޫޑްއަށް ސީޒަންގެ ކުރީ ކޮޅު ފުރުސަތު ދިނީ ބެންޗުންނެވެ. ފޯވަޑްލައިނަށް ނެެރނީ ޒުވާން ޓަމީ އަބްރަހަމް އާއި ކެލުމް ހޮޖްސަން އޮޑީ އެވެ. ތަޖުރިބާކާރު ކޯޗުންގެ ކުރިމަތީ ލަމްޕާޑް ނެގީ ރިސްކެކެވެ. ޒުވާން ފޯވަޑުންނާ އެކު އޭނާ ކުރިއެރުން ހޯދި އެވެ. ސީޒަންގެ ފަހު ކޮޅުގައި އޮލިވާ ޖިރޫޑްވެސް އަލުން ފޯމަކަށް އެޅުވި އެވެ. ކުރިން ދަށްކޮށް ފެނުނު ޕްލިސިޗް ވެސް ވަނީ ޗެލްސީގެ ސަޕޯޓަރުން ބޭނުންވާ ފެންވަރަށް ގެނެސްފަ އެވެ.

ޗެލްސީއަށް އަގުބޮޑުކޮށް ގެނައި ކީޕަރުގެ ކެޕާ އަރައިޒަބަލަގާގެ ބަދަލުގައި ލަމްޕާޑް އިތުބާރު ދޫކޮށްލީ އޯވާރޭޓެޑް ކީޕަރު ވީލީ ކަބެޔޭރޯ އަށެވެ. ކެޕާ ބެންޗަށް ގެނައުންވީ އޭނާގެވެސް ޓާނިން ޕޮއިންޓަށެވެ. އެއް ނަމްބަރު ކީޕަރަށް ވުމުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަށް ވިޔަސް، ޗެލެންޖެއް ނެތި ޓީމުގެ ކެޕާއަށް ފުރުސަތު ނެތްކަން ލަމްޕާޑްގެ ނިންމުންތަކުން ހާމަ ކުރި އެވެ. އެކަން ބަދަލުވެ ޓްރޭނިންގައި ބުރަކޮށް މަސައްކަތް ކުރުން ލާޒިމުވި އެވެ، ފަހުން ކެޕާ ގެނެސް ގޯލްގައި ބެހެއްޓީ ޓްޜޭނިންގައި އެކަން ސާބިތު ކޮށްދިނުމުންނެވެ.

ޗެލްސީ އޮތީ ލީގްގެ ތިން ވަނައިގަ އެވެ. އެފްއޭ ކަޕް ސެމީ ފައިނަލުގައި ބޮޑު ސްކޮޑެއް އޮތް ޔުނައިޓެޑް ބަލިކޮށް އެފްއޭ ކަޕް ފައިނަލަށް ޗެލްސީ ގެންގިސް ދިނުމަކީ ލަމްޕާޑަށް ޗެލްސީއާ އެކު ހޯދުނު ފާހަގަ ކުރެވޭ ކާމިޔަބެކެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ޗެލްސީ އާ ދެކޮޅަށް ނުކުންނަ އާސެނަލްގެ ކޯޗް ކަމާ މިކަލް އާޓެޓާ ހަވާލުވީ ސީޒަންގެ މެދުތެރެއިންނެވެ. އުނައި އެމެރީ އާއެކު ނަތީޖަތައް ރަނގަޅު ނުވުމުގެ އިތުރަށް ޓީމުގެ ބައެއް ކުޅުންތެރިން ތިބީ ފޯމު ގެއްލިފަ އެވެ. މިޑްފީލްޑާ މެސްޓް އޮޒިލް އާއި ޑިފެންޑަރު ޑޭވިޑް ލުއިޒް ހުރީ ފޯމު ގެއްލިފަ އެވެ. ޓީމުގެ ފޯވަޑް ޕީއާ އެމްރިކް އޮބާމެޔަންގް ޓެކްޓިކަލް ޑިސިޕްލިންއެއް ނެތެވެ. އާސެން ވެންގާގެ ފަހު ދެ އަހަރުގައި ކުރިމަތިވި އަޑިއަޅާލުން ގަނޑުން އާސެނަލްއަށް އަދިވެސް އަރައި ނުގަނެވެ އެވެ. އާސެނަލްގެ ކޯޗްކަން ވެންގާދޫކޮށްލަން ޖެހުނީ އެ އަޑިގަނޑުން އޭނާއަށްވެސް ކުލަބު ސަލާމަތް ކޮށް ނުދެވުމުންނެވެ.

އާޓެޓާ އާ އާސެނަލް ހަވާލު ކުރީ، ކުރިމަގަށް ވަރުގަދަ ޓީމެއް އާސެނަލްގައި ބިނާ ކުރުމަށެވެ. އެހުރިހާ ހަލާތްތަކުން އަރައިގަތުމަށް އާސެންލްގައ ހުރި ގެންޖެހުން އެހެން ކުލަބުތަކަށް މާބޮޑެވެ. މުއްސަނދި މެނޭޖުމެންޓެއް އޮތް މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާ އާއެކު މަސައްކަތް ކުރުމަށް ފަހު އާސަނަލްއަށް އާޓެޓާ އަިއރު ސިޓީގައި ހުރި ފުރުސަތުތަކެއް އާސެނަލްގައި ނެތެވެ. އާސެން ވެންގާ އާސެނަލްގައި ބިނާ ކޮށްފައި ވަނީ ޅަ އުމުރުގައި ކުޅުންތެރިން އެކެޑެމީއަށް ގެނެސް ބިނާ ކުރުމަށް ފަހު އެ ކުޅުންތެރިން ސީނިއާ ޓީމާ ހަމައަށް ގެނައުމެވެ.

އެ ސިސްޓަމަށް އާސެނަލް ފެއްޓުމަށްޓަކައި ހުރިހާ ބާރެއް ވެންގާ އަތުގައި އޮތެވެ. އާސެންލަގެ ހެޑް ކޯޗުގެ މަގާމު ވެންގާ ހުރި ނަމަވެސް ޓެކްނިކަލް ޑައިރެކްޓާރު ނުވަތަ ސްޕޯޓިން ޑައިރެކްޓަރުގެ ޒިންމާވެސް ނަގަނީ ވެންގާ އެވެ. އާސެންލަގެ އެކެޑެމީ އާއި ޒުވާން ޓީމުތަކަށް ހަމަޖައްސާ ކޯޗުންނަކީ ސީދާ ވެންގާ ހޯދާ ކޯޗުން ކަމަށް ވި އެވެ. ކަމުނުދާ ކޯޗެއް ނަމަ އެ ކޯޗަކު ވަކި ކުރަނީ ވެންގާ އެވެ.

ވޭތުވެދިޔަ ފަސް އަހަރު ފުޓްބޯޅައިގެ ތެރޭގައި އެންމެ ނުފޫޒު ގަދަ އެއްޗަކަށްވީ ފައިސާގެ އިންވެސްޓްމެންޓްތަކެވެ. ފައިސާ ހޭދަ ކޮށް އަގުބޮޑު ސްކޮޑާއެކު ނުކުންނަ ޓީމަކަށް ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ވެގެންދެ އެވެ. އެހުރިހާ ކަމަކާ ވާދަ ކުރަން އާސެނަލްގެ ސަޕޯޓަރުން ބޭނުންވާއިރު އެ ޓީމުގައި އޮތީ 20 އަހަރުވަންދެން ވެންގާ ދެމްހެއްޓި ފިލޯސަފީ އެވެ. އެކަން އޮތީ އާސެނަލްގެ ސަގާފަތަކަށް ވެފަ އެވެ. އެ ސަގާފަތަށް ބިނާ ވެފައި އޮތް ޓީމެއްގެ ވިސްނުން ބަދަލު ކުރުމުގެ މަސައްކަތަކީވެސް އާޓެޓާއަށް އޮތް އުނދަގޫ މަސައްކަތެކެވެ.

އާސެނަލްގައި އޮތް ސަގާފަތް މިހާރު ބަދަލުވަމުންދާ ފުޓްބޯޅަށް ނުފެތޭކަމަށް އާޓެޓާ ދަނީ ބުނުމުންނެވެ. ކުރިއަށް އޮތްތަނުގައިވެސް ގަދަ ހަތަރަކަށް ވަންނަން ބޭނުންނަމަ ޓްރާންސްފާގައި ކުލަބަށް ހޭދަ ކުރަން ޖެހޭ ކަމަށް އާޓެޓާ ދަނީ ބުނަމުންނެވެ. އޭނާ ބުނެފައި ވަނީ ހަރަދު ކުރަން ޖެހޭނީ ގަދަ ހަތަރަކަށް ވަނުމުން ނޫން ކަމަށާއި ގަދަ ހަތަރަކަށް ވަނުމަށްޓަކައިވެސް މިހާރު ހޭދަ ކުރަން ޖެހޭ ކަމަށެވެ.

އެކަން އާސެނަލްގެ މެނޭޖުމެންޓަށް ވިސްނައި ދިނުމަށްޓަކައި އޭނާއަށް ލިބުނު ދަނޑިވަޅަކީ އެފްއޭ ކަޕްގެ ސޭމީ ފައިނަލުގައި ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިކޮށް ފައިނަލަށް އާސެނަލް ގެންގޮސް ދިނުމެވެ. އާސެނަލް އާއެކު އޭނާ މަސައްކަތް ކުރާ ފަޅި ސީޒަންގައިވެސް އާސެނަލްގެ ސަގާފަތް ބަދަލު ކުރުމަށް ފެށުމެއް އޭނާ ހޯދައިދީފި އެވެ. އާސެނަލްގެ ހާލަތު ބަދަލުވަމުން އަންނަ ކަމުގެ ހެއްކަކަށް އެކަނިވެސް އެފްއޭ ކަޕްގެ ފައިނަލު ފުދެ އެވެ. އެ މުބާރާތް ކާމިޔާބު ވެއްޖެނަމަ އެއީ މެނޭޖުމެންޓަށްވެސް އެ ބަދަލު ގެންނަން ޖެހޭ ކަމަށް ކޮންވިސް ވާނެ ފުރުސަތަކަށް ވެގެންދާނެ އެވެ.