ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ފެނާއި ނަރުދަމާގެ ހިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލް ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ސަރުކާރުން ފޮނުވި މި ބިލްގެ މަގްސަދަކީ ސިއްހީ ގޮތުން ރައްކާތެރި އަދި ބޭނުން ކުރަން ކަމުދާ ސާފު ފެން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ލިބިދޭ ކަން ކަށަވަރު ކުރުމެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ކަން ކަށަވަރު ކުރުމެވެ.
މިނިސްޓްރީއާއި އޮތޯރިޓީގެ މަސްއޫލިއްޔަތުތައް
ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މެންޑޭޓް އޮންނަ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ދެ ހިދުމަތަށް ސަބްސިޑީ ދިނުމުގެ ގަވާއިދަކާއި އެ ދެ ހިދުމަތުން ނެގޭނެ އެންމެ މަތީ އަގާ ގުޅޭ ގަވާއިދެއް އެކުލަވާލުން ހިމެނެ އެވެ. އެ ދެ ގަވާއިދު ހަދަން ލާޒިމު ކުރި ނަމަވެސް، އަބަދުވެސް ސަބްސިޑީ ދިނުމާއި އެންމެ މަތީ އަގު ކަނޑައަޅާފައި އޮންނަން ބިލްގައި ލާޒިމުކޮށްފައެއް ނުވެ އެވެ.
ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށީގެން އެއް އަހަރު ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މާސްޓާ ޕްލޭނެއް އެކުލަވާލުމާއި ކޮންމެ 10 އަހަރަކުން އެއް އަހަރު އެ މާސްޓާ ޕްލޭން މިނިސްޓަރު މުރާޖައާ ކުރުން ވެސް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.
ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ މަސްއޫލިއްޔަތު އޮންނަނީ މިނިސްޓްރީގެ ދަށުން އުފައްދާފައި އޮންނަ އޮތޯރިޓީއަށެވެ. އެ ގޮތުން ފެން ބޭނުންކުރާ އާލާތްތަކުގައި ފެން
އިސްރާފްވުން ކުޑަކުރުމަށް ހުންނަ މިންގަނޑުތައް ބަލައި ފާސްކުރުމުގެ މަސްއޫލިއްޔަތު އޮތޯރިޓީއަށް އޮވެ އެވެ.
ފެން އުފެއްދުމުގައި ރަށުގެ ގުދުރަތީ ފެން ފަށަލައިން ނުވަތަ ކުޅިއަކުން ނުވަތަ ޗަސް ބިމަކުން ފެން ބޭނުންކުރާކަން ސާބިތުވެއްޖެނަމަ، އެކަން ހުއްޓުވައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ވެސް އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ބިލްގައި ބުނެފައިވެ އެވެ.
ތިމާވެށި ރައްކާތެރި ކުރުމުގެ ބާބެއް
މި ބިލް ދިރާސާކުރި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވަނީ ބިލުގައި ތިމާވެށި ހިމާޔަތް ކުރުމާއި ރަށުގައި އޮންނަ ގުދުރަތީ ފެން ފަށަލަ ހިމާޔަތް ކުރުމާ ގުޅޭ ބާބެއް ބިލަށް އިތުރުކޮށްފަ އެވެ.
އެ ގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހިންގޭ މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދިނުމުގެ ކުރިން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓް ހަދައި އެ ރިޕޯޓް އެންވަޔަރަމަންޓެލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާސްކުރަން ޖެހޭނެ ކަމަށް އެ ބާބުގައި ބުނެފައިވެ އެވެ.
ތިމާވެއްޓަށް ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަން ދޭންޖެހޭނެ ކަމާއި، ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އިއާދަ ކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަ ކަމުގައި ވާން ޖެހޭނެ ކަމަށް ވެސް ބިލަށް ކޮމިޓީން އިތުރު ކުރި އެ ބަބާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ފަޅު ހިއްކައިގެން އުފައްދާފައިވާ ރަށްރަށުގެ ބިމުގެ ފެންފަށަލާއި، ރަށްރަށުގެ ފަޅު ހިއްކައިގެން އިތުރުކޮށްފައިވާ ބިމުގެ ސަރަހައްދުގެ ފެން ފަށަލައާއި، ކުޅިތަކުގައި ހުންނަ ފެނާއި، ގުދުރަތީ ގޮތުން އުފެދިފައި ހުންނަ ފެންގަނޑުގަނޑަކީ ސިނާއީ ބޭނުންތަކަށް ބޭނުން ކުރެވޭނެ ފެނުގެ ވަސީލަތްތަކެއް ނޫން ކަމަށް ބިލުގައި ލިޔެފައިވެ އެވެ.