ދުނިޔެ

ރިޔާސީ އިންތިހާބުން ބަލިވެ ރާޖަޕަކްސަ އަށް ވެރިކަން ގެއްލިއްޖެ

ފަހުގެ ތާރީހެއްގައި ސްރީ ލަންކާގައި ބޭއްވި އެންމެ ވާދަވެރި ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވެއްޖެ ކަމަށް ރައީސް މަހިންދަ ރާޖަޕަކްސަ އިއުލާނުކުރައްވައި ބަލި ގަބޫލުކުރައްވައިފި އެވެ.

މިއަދު އިރު އެރުމާ ހަމަޔަށް އާންމުކުރި ނަތީޖާ އިން ދައްކާ ގޮތުން ރައީސް ރާޖަޕަކްސަ އަށް ލިބިވަޑައިގެންފައި ވަނީ 46.8 ޕަސެންޓް ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް މައިތިރިޕަލާ ސިރިސޭނާ އަށް 51.9 ޕަސެންޓް ލިބިފައިވެ އެވެ. 

ރާޖަޕަކްސަ އަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެ ނަމަ ވެރިކަަން ހަވާލު ނުކޮށްފާނެ ކަމަށް ބައެއް މީހުން ކުރިން ބުނެފައި ވިޔަސް އޭނާގެ އޮފީހުން މިއަދު ބުނީ ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ. އަދި މިއަދު ހެނދުނު ވަނީ އިދިކޮޅު ލީޑަރާ ރިޔާސީ ގަނޑުވަރު ޓެމްމަޕްލަ ޓްރީސްގައި ބައްދަލުކުރެއްވުމަށް ފަހު އެތަން ދޫކުރައްވައިވަޑައިގެންފަ އެވެ. ރާޖަޕަކްސަގެ އޮފީހުން ބުނީ މިހާރު ކުރިއަށް ދަނީ ވެރިކަން ހަވާލުކުރުމުގެ މަރުހަލާ ކަމަށެވެ.

ރާޖަޕަކްސަ އިންތިހާބު ބާއްވަވާފައި ވަނީ އޭނާގެ ރިޔާސީ ދައުރު ހަމަވާން ދެ އަހަރު އޮއްވަ އެވެ. އިންތިހާބު އަވަސްކުރެއްވީ ރާޖަޕަކްސަ އަށް އޮތް ތާއީދު ކުޑަވަމުންދާ ކަމަށް ފާހަގަވުމުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް އިންތިހާބަށް އިއުލާނުކުރުމާ އެކު، ގާނޫނު ހަދާ މަޖިލީހުން ވެސް 25 މެންބަރަކު ސަރުކާރުން ވަކިވެ އިދިކޮޅު އިއްތިހާދާ ގުޅިފައިވެ އެވެ. ސިރިސޭނާ އަކީ ރާޖަޕަކްސަގެ ކުރީގެ ހެލްތު މިނިސްޓަރެވެ.

ރާޖަޕަކްސައަާ ދެކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ކޮރަޕްޝަން އާންމުވުމާއި ގައުމުގެ ދަރަނި ބޮޑުވުމާއި ސިޔާސީ މިނިވަންކަން ހަނިކުރުން ހިމެނެ އެވެ.

އިންތިހާބުގައި ވޯޓު ލުމަށް 22 ޑިސްޓްރިކްޓެއްގައި 12314 މަރުކަޒު ގާއިމުކޮށްފައި ވާއިރު، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން ވޯޓު ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިއީ ވާދަވެރިކަން ބޮޑު އިންތިހާބެއް ކަމަށް ވިޔަސް އިލެކްޝަންސް ކޮމިޝަނުންނާއި ފުލުހުން ވެސް ބުނެފައި ވަނީ މިއީ މިހާތަނަށް ބޭއްވުނު އެންމެ އަމާން އެއް އިންތިހާބު ކަމަށެވެ.

އިންތިހާބު އޮބްޒާވްކުރާ ފަރާތްތަކުން ވެސް ބުނީ ބައެއް ހިސާބުތަކުގައި ބައެއް ހާދިސާތައް ހިނގާފައި ވިޔަސް ޖުމުލަ ގޮތެއްގައި ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ އަމާންކަމާ އެކުގައި ކަމަށެވެ.