ވިޔަފާރި

ވިޔަފާރި ބަނދަރުގައި ނުގެންގޮސް ހުރި މުދާ ނީލަމަށް

Jul 21, 2020

މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ހުރި ގިނަ އަދަދެއްގެ މުދާ ނީލަން ކިޔަން ނިންމައިފި އެވެ.

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަހު ބަހައްޓާފައިވާ، މުދާތައް ނީލަންކިޔަން ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލުން ބުނީ މުދާ ނީލަން ކިޔުން ކުރިއަށް ދާނީ އެ ކުންފުނީގައި ކަމަށާ، މުދާ ނީލަން ކިޔާ ގަވާއިދު ޒެޓްކޮށްފައި ވާނެ ކަމަށެވެ. އަދި ނީލަން ކިޔާ މުދަލުގެ ލިސްޓް އެމްޕީއެލް ވެބް ސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ނީލަން ކިޔާ މުދާ ބަލަން ނަން ނޯޓް ކުރުމާއި މުދާ ބެލުމުގެ އިންތިޒާމު އަންނަ މަހުގެ ފަސް ވަނަ ދުވަހު ކުރިން އެމްޕީއެލް އިން ހަމަޖައްސައި ދޭނެ އެވެ. މުދާ ބެލުމަށް އެދޭ ފޯމު ފުރިހަމަކޮށް އައިޑީ ކާޑު ކޮޕީއާއި ގުޅޭނެ ނަމްބަރު ހިމެނޭ ގޮތަށް އެ ކުންފުންޏަަށް އީމެއިލް ކުރަން ޖެހެ އެވެ.

މާލެ ވިޔަފާރި ބަނދަރުގައި ގިނަ އަދަދެއްގެ މުދާ ނުގެން ގޮސް އަބަދު ވެސް ހުރެ އެވެ. މުދާ ނުގެންގޮސް ހުރުމުގެ ސަބަބުން ވިޔަފާރި ބަނދަރުގެ މަސައްކަތް ތަކަށް ދަތިވެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މުދަލުގެ ޑެމަރޭޖް ނެގުމަށް ގެނައި ލުއިތަކާއެކު ގިނަ އަދަދެއްގެ މުދާ ނުގެންގޮސް ހުރެ އެވެ.