ވިޔަފާރި

ބީއެމްއެލް ކޭޝް އެޖެންޓުން އިތުރުކޮށް، ހިދުމަތް ފުޅާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅު ތެރޭގައި ދޭ ކޭޝް އެޖެންޓުން އިތުރުކޮށް، ކޭޝް ޑިޕޮސިޓް އަދި ޕޭމަންޓް ސާވިސްގެ ހިދުމަތް ފުޅާކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ކޭޝް އެޖެންޓުންގެ އަދަދު 40 އަށް އިތުރު ކުރުމާއެކު، އަތޮޅުތެރޭގައި ކޭޝް ޑިޕޮސިޓް އަދި ޕޭމަންޓް ހިދުމަތް ފުޅާވެ، ކަސްޓަމަރުންނަށް ދުވާލަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.

ބީއެމްއެލްގެ ހިދުމަތް ފުޅާ ކުރުމާ ބެހޭ ގޮތުން އެ ކުންފުނީގެ، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބޭންކުގެ ޕީއޯއެސް ވިއުގަ މެދުވެރިކޮށް ދޭ "ކޭޝް އެޖެންޓް" ހިދުމަތަކީ ބޭންކިން ހިދުމަތް ފޯރުކޮށްދޭން ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

"އޭޓީއެމްއެކޭ އެއް ފަދައިން ކަސްޓަަމަރުންނަށް ކޭޝް އޭޖެންޓް ހިދުމަތް ވެސް ބޭނުން ކުރެވޭނެ. މިގޮތުން ކަސްޓަމަރުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް ޓާމިނަލް މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބިގެން ދާނެ. ބޭންކިން ހިދުމަތް ހޯދުމަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓައެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދޭނެ،" ޓިމް ވިދާޅުވި އެވެ.


ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅަށް ބޭންކިންގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. މިހާރު މުޅިރާއްޖޭގައި 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ރަށްރަށުގައި ފައިސާ ނެގުމުގެ ހިދުމަތް ދަނީ ދެމުންނެވެ. އަދި ޑިޕޮސިޓް ހިދުމަތް ފޯރުކޮށް ދޭ 40 ރީޓެއިލް ފިހާރަ މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ދެމުންގެންދެ އެވެ.

ބީއެމްއެލް އިން ދަނީ 20 އަތޮޅުގައި 38 ބްރާންޗް 58 ސެލްފް ސާވިސް ބޭންކިން\ ސެންޓަރު ގާއިމްކޮށްފައެވެ. އަދި 121 އޭޓީއެމް އާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް އެ ކުންފުނިން ދެ އެވެ. އެ ކުންފުނީގެ ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.