ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ފްރޮންޓްލައިން އެލަވަންސް އަވަސް ކުރުމުގެ ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރަމުންދާ އެކި އިދާރާތަކުގެ މުވައްޒިފުންނަށް ސަރުކާރުން ދިނުމަށް ނިންމި އެލަވަންސް މިހާތަނަށް ވެސް ދީފައިނުވާތީ ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލައަށް ބަހުސްނުކޮށް ތަޅުމުން މައްސަލަ ބޭރުކޮށްލަން ފާސްކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 14 މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވި އެވެ.

މިއީ މި މަހުގެ 13 ވަނަ ދުވަހު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ. މީގެ ކުރިން އެ މައްސަލަ އެޖެންޑާ ނުކުރެވިގެން ދިޔައީ ކުރިން ބޭއްވި ކޮންމެ ޖަލްސާއަކަށް ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައާ އެކު އެހެން މެންބަރުން ވެސް އެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެއް ޖަލްސާއަކަށް ދެ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިނަމަ، ތަޅުމަށް ހުށަހަޅުއްވާނެ ކުއްލި މައްސަލައެއް ކަނޑައަޅާނީ މަޖިލީހުގެ އިދާރާގައި ނަގާ ގުރަކުންނެވެ. އެއިން ކޮންމެ ޖަލްސާއެއްގައި ވެސް ގުރުއަތުން ހޮވެނީ ޝިޔާމްގެ މައްސަލަ ނޫން އަނެއް މައްސަލަ އެވެ.

ހަފުތާއެއް ފަހުން ޝިޔާމްގެ ކުއްލި މައްސަލަ ހުށަހެޅުއްވޭ ގޮތް ވުމުން، ބަހުސަށް ހުޅުވާ ނުލައި ތަޅުމުން މައްސަލަ ބޭރުކޮށްލުމުން އޭނާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. ޝިޔާމް ވިދާޅުވީ، ބަހުސް ނުކުރަން ފެންނަ ކަމަށް ބައެއް މެންބަރުން ވޯޓު ދެއްވުމުން އެ ކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން "ފްރަންޓްލައިން" އެލަވަންސެއް ދޭން ނިންމާފައިވާ ކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާން ކުރެއްވީ މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ައެވެ.

ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް ދޭން ނިންމީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ އެވެ. އެ ކެޓަގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތެކެވެ.

މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް ދޭން ނިންމާފައި އޮތީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާ އެވެ. އެ ކެޓަގަރީގައި ހިމެނެނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ.

ތިންވަނަ ކެޓަގަރީ ހިމަނާފައި ވަނީ، ފުރަތަމަ ދެ ކެޓަގަރީގައި ނުހިމެނޭ އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކުރާ ފަރާތްތަކެވެ. އެ މުވައްޒަފުންނަށް މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ އެލެވަންސްއެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.