ހަބަރު

ޖަވާބުދާރީނުވެ ފަނޑިޔާރު ހަސަން އަލީ އިސްތިއުފާ ދެއްވައިފި

Jul 21, 2020
1

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަށް ޖަވާބުދާރީވެ ވަޑައި ނުގެން ހުންނެވުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރު ކަމުން ހަސަން އަލީ އިސްތިއުފާ ދެއްވައިފި އެވެ.

ޖޭއެސްސީއިން ބަލަމުން ދިޔައީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓްގައި ހިމަނާފައިވާ ކަންކަމާ ގުޅޭ ސުލޫކީ މައްސަލައެކެވެ.

އެގޮތުން ރިލްވާންގެ މަައްސަލަ ތަހުގީގު ކުރުމުގެ ތެރޭ 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނެވި، ހަސަން އަލީ، ފުލުހުންގެ އިންޓެލްގެ ދެ މީހަކާ ގުޅިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައި ވާކަން ދެއްކުމަށްޓަކައި، ޓްރެވަލް ޑޮކިއުމަންޓްތަކެއް ތައްޔާރު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އެ މައްސަލާގައި ހަސަން ހުންނެވީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާއާ މެދު ފިޔަވަޅު އެޅުން ލަސްވާތީ މި ފަހުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. ސަސްޕެންޝަންގައި ހުންނެވި ނަމަވެސް އޭނާއަށް މުސާރަ ލިބެމުން ދިޔަ އެވެ.

ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި ތަހުގީގު ނިންމައި ޖަވާބުދާރީވާން ހަސަން އަލީއަށް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓް ފޮނުވި އެވެ. އެއަށް ޖަވާބުދާރީވުމަށް ލިބޭ ހަތް ދުވަސް ހަމަވިއިރު ވެސް ޖަވާބު ނުދެއްވާ ކަމަށާއި އެހެންވެ މިއަދަށް މައްސަލައިގެ އެންމެ ފަހު އަޑުއެހުން ތާވަލުކޮށް ހާޒިރުވުމަށް އަންގާފައި ވަނިކޮށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވާތީ އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކޮށްފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ. ނަމަވެސް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ހަސަން އަލީއާ ގުޅޭ ގޮތުން ތައްޔާރުކުރި ތަހުގީގު ރިޕޯޓް އާންމު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ޖޭއެސްސީއިން ނުބުނެ އެވެ.