ހަބަރު

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސީއެސްސީން މެންބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ތިއްބެވި ގޮނޑި ހުސްވެފައި ވާތީ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި އޮތް އޮތުން އަންނަ އޯގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަަމށެވެ.

ޝައުގުވެރިވާ ފަރާތްތަކުން ފޯމާއި އިގުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅަން އެދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭ އުމުރުން 30 އަހަރުވެ، އިންތިހާބީ މަގާމެއް ފުރަމުން ނުދާ ދިވެއްސަކަށް ވާން ޖެހެ އެވެ. އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. ޖިނައީ ކުށެއް ކުރި ކަން ވޭތުވެދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައި ނުވުމާއި ފުރަތަމަ ޑިގްރީގެ ފެންވަރުގެ ތައުލީމާއި، ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތް ކުރައްވާފައިވުން ޝަރުތު ކުރެ އެވެ.

މެންބަރު ކަމަށް ކުރިމަތިލާން މި މަހު 14 ގައި ފުރަތަމަ ހުޅުވާލީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަން ކުރެއްވި ޝަހީދު މުހައްމަދުގެ އިތުރުން މެންބަރުކަން ކުރެއްވި ޒަކަރިއްޔާ ހުސައިން އާއި އިބްރާހިމް ޝަހީގު ވަކި ކުރަން ނިންމުމުންނެވެ.

މަޖިލީހުގައި އެ ހަތަރު ބޭފުޅުން ވަކިކުރަން ވޯޓަށް އަހަން އެޖެންޑާކޮށްފައި ވަނިކޮށް، ޝަމީމާއި ޝަހީދާއި ޒަކަރިއްޔާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޝަހީގް ވަކިކުރަން 48 މެންބަރުންގެ ވޯޓުން ތަޅުމުގައި ފާސްކުރީ އެވެ.

މިހާރު ސީއެސްސީގައި އިންނެވީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ ވަކި ކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ އޭނާ ވަކި ނުކުރާށެވެ، އޭނާއަކީ ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ.