ކުޅިވަރު

މާޒިޔާގެ ކޯޗަކަށް ނިޒާމް ހަމަޖައްސައިފި

މާޒިޔާގެ ކޯޗަކަށް މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ. މާޒިޔާގެ ކޯޗްގެ މަގާމު ހުސްވީ އެންމެ ފަހުން އެ ޓީމުގައި މަސައްކަތް ކުރި މެސަޑޯނިއާގެ މަރުޔާން ސެކްލޮސްކީގެ ކޮންޓްރެކްޓް މާޗް މަހު ހަމަވުމުންންނެވެ.

ނިޒާމް އެންމެ ފަހުން މަސައްކަތް ކުރީ ބަންގުލަދޭޝްގެ ސައިފް ސްޕޯޓިން ކުލަބުގަ އެވެ. މިދިޔަ އަހަރު އެ ޓީމުގައި ކުރު މުއްދަތަކަށް މަސައްކަތް ކުރުމަށް ފަހު ކޯޗް ކަމުން ނިޒާމް އިސްތިއުފާ ދިނީ ޖަނަވަރީ މަހު އެވެ.

ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ޓީސީއަށް ހޯދައި ދިނުމަށް ފަހު ނިޒާމް ވަނީ އެ ޓީމުގެ ކޯޗް ކަމުން ވަކި ވެފަ އެވެ. އޭގެ ފަހުން ބަންގުލަދޭޝްގައި އޭ ލައިސެންސް ކޯޗިން ކޯސް ފުރިހަމަ ކުރި އެވެ. އަދި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމާ ހަވާލުވެ އެ ޓީމުގައި އޮކްޓޯބަރު މަހާ ހަމައަށް މަސައްކަތް ކުރި އެވެ. އެ ޒުވާން ގައުމީ ޓީމުގެ ކޯޗްކަން ދޫކޮށްލީ ސައިފް ސްޕޯޓިން ކުލަބުން މިދިޔަ އަހަރު އޮކްޓޯބަރު މަހު ފުރުސަތު ލިބުމުންނެވެ.

ޓޮޕް ލެވަލްގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ވިޔަންސާގަ އެވެ. އެ ކުލަބާއެކު 2007 ވަނަ އަހަރު ސީޒަންގައި ކާމިޔާބު މަސައްކަތެއް ކުރި އެވެ. އެ އަހަރު ސީޒަންގެ އެއް ވަނަ ކުލަބުގެ މަގާމު އެ ކުލަބަށް ހޯދައިދިނެވެ. ދެހާސް ތޭރަ ވަނަ އަހަރު ރާއްޖޭގައި ކުރިން މަސައްކަތް ކުރި ސްލޮވާކިއާގެ ވަލްޑަމީރު ގޮފާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވިކްޓަރީ ސްޕޯޓްސް ކުލަބުގައި މަސައްކަތް ކުރި އެވެ.

ކޯޗެއްގެ ގޮތުގައި ނިޒާމްގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަ ކުރީ ޓީސީގަ އެވެ. އެ ކުލަބާއެކު 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށިފަހުން އެ އަހަރުގެ ޕްރެޒިޑެންޓް ކަޕާއި 2016 ވަނަ އަހަރުގެ މާލޭ ލީގް ފިޔަވައި އެހެން ހުރިހާ މުބާރާތަކުން ނުވަތަ ރަނަރަފް މަގާމު ހޯދި އެވެ. އެއީ ދިވެހި ކޯޗަކު އެހާ ކޮންސިސްޓެންޓް ކޮށް ރާއްޖޭގެ ޑޮމެސްޓިކް ސީޒަންގައި ޑޮމިނޭޓް ކުރި ފުރަތަމަ ފަހަރެވެ.