ހަބަރު

ފުވައްމުލަކުގެ 31 މަގެއްގެ އަމަލީ މަސައްކަތް ފަށައިފި

ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ މެޝިނަރީއާއި ސާމާނު އެރަށަށް ގެންގޮސް މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އަދި މި މަޝްރޫއުގެ ތެރޭގައި ހިމެނެނީ 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އެޅުމާއި، ޕޭވްމަންޓް ސަރަހައްދެއް ހެދުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި ހަވާލުކުރި މިމަސައްކަތުގެ ތެރެއިން މަގުބައްތި އާއި ފެންހިންދާ ނިޒާމު ގާއިމު ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. މަޝްރޫއު ހަވާލުކުރީ 279 މިލިއަން ރުފިޔާއަށް 730 ދުވަހުން ނިންމާށެވެ.