ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ތުހުމަތުތައް ސައްހަކަން އަމިއްލަ އިއުތިރާފުން ސާބިިތު"

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް ކުރާ ތުހުމަތުތައް ސައްހަކަން އަމިއްލަ އިއުތިރާފުން ސާބިިތުވެފައިވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްއާ ގުޅުން ހުރި މައްސަލައެއް ބާ ކައުންސިލަށް ވަނީ ހުށައަޅާފައެވެ. އެ މައްސަލާގައި ޝަމީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު އެމްއެމްޕީއާރުސީގެ ފައިސާ ޝަމީމަށް ލިބިފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި ހިޔާނާތުގެ ތުހުމަތު ކުރެވޭ ދެ ބޭފުޅެއް ކަމަށްވާ އަބްދުﷲ ޒިއަތު އަދި ކުރީގެ ފުޓްބަޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިންގެ ގާނޫނީ ވަކީލުންކަން ޝަމީމް ކުރައްވާފައިވާ ކަމަށާ އަދި މުހައްމަދު ހުސައިންގެ ބަޔާނެއް ނަގަން ޝަމީމް އިނގިރޭސިވިލާތަށް އެސްއޯއެފްގެ ހަރަދުގައި ދަތުރެއް ކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ތުހުމަތުތައް ޝަމީމް ދޮގުކުރައްވައެވެ. ޝަމީމް ވިދާޅުވީ މުހައްމަދު ހުސައިންގެ ބަޔާނެއް ނަގަން އޭނާ ޔޫކޭއަށް ނުދާ ކަމަށާ އަދި ވަކީލަކަށް މަސައްކަތް ކޮށްދީގެން އޭނާގެ އަތުން އެއްވެސް ފައިސާއެއް ހޯދާފައިނުވާނެ ކަމަށެވެ. އޮއިއްޓޭއަކީ ކުރިއްސުރެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ޕީޖީގެ މަގާމަށް ވަޑައިގަތުމަށްފަހު އެއްވެސް މީހެއްގެ ގާނޫނީ ވަކީލަކަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށާ އަދި ކުރިން ވަކާލާތު ކޮށްފައިވާ އެތައް ބަޔަކާ ގުޅުންހުރި މައްސަލަަތަކުން މިހާރުވެސް ތަނާޒުލްވެފައިވާނެ ކަމަށެވެ.

ޝަމީމްގެ މި ވާހަކަތަކަށް ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރައްދު ދެއްވާފައެވެ. ޖަމީލް ވިދާޅުވީ އެއްކޮޅުން އެމްއެމްޕީއާރުސީގެ މައްސަލާގައި ދިފާއީ ވަކީލަކަށް އުޅުއްވުމަށްފަހު މިއަދު ހަމަ އެ މައްސަލަތަކުގައި ޕީޖީ އަކަށް ހުންނެވޭނެ ހަމައަކީ ކޮބައިކަން ވިދާޅުވެ ނުދެއްވޭ ކަމަށެވެ.

"ތުހުމަތުތައް ސައްހަކަން އަމިއްލަ އިއުތިރާފުން ސާބިތު،" ޝަމީމްގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ކުރިން އިސްގާޒީކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ދައުވާތައް ބާތިލުވާން ޖެހޭ ސަބަބުތައް މިހާރު ވަރަށް ސާބިތު ކަމަށެވެ.

މަނީލޯންޑަރިންގެ ދައުވާއެއް ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އިތުރު ދެ ދައުވާއެއްވެސް މިހާރު ވަނީ ރައީސް ޔާމީންގެ މައްޗަށް ވަނީ އުފުލާފައެވެ.