ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަނީ!؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިތުރު މައްސަލަތަކެއްގެ ތަހުގީގު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ އެއީ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

"ކުޑަކުދިން ރޭޕް ކުރުމާ އަދި ގާސިމްގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލް އޮތްކަން އެނގިއްޖެ. ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަމާލުކަން އަނބުރާލުމަށް ރައީސް ޔާމީންއާ ދިމާލަށް މިސްރާބު ހިފައި އިތުރު މައްސަލަތަކެއް ތަހުގީގް ކުރަމުންދާ ކަމަށްވޭ." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މިފަހަރު ވެސް ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ހަތިޔާރަކަށް ހަދައިގެން ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ބަހެއް ނުލިބުނެވެ.

ރައީސް ޔާމީން މިހާރުވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގެ އިސްތިއުނާފު ކުރި އެވެ. އެ މައްސަލާގެ ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ފަށާއިރު، އިސްތިއުނާފު މައްސަލާގައި ކޯޓުން ގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހުށަހަޅާފަ އެވެ. އެކަމަކު މިހާތަނަށް ކާފާލާތުގެ ފުރުސަތު ދިނުމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ވަން ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ އެމަނިކުފާނުގެ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއްގަ އެވެ.