ރައީސް އަބްދުﷲ ޔާމީން

ދައުވާއަށް އިންކާރު، ހެކި ހުށައަޅަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަށް އެމަނިކުފާނު އިންކާރު ކުރައްވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މި ދެ ދައުވާއަށް އިންކާރު ކުރާ ސަބަބުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކަށް ދައުވާ އަކީ ކޮބައިކަމާއި ދައުވާ އާއި ގުޅިގެން ވަރަށް ގިނަ ކަންކަން ސާފު ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ހަސަދައެއް ފިލުވައިލުމަށް ރާވައިގެން ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ދައުވާއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އިންކާރު ކުރާ ގިނަ ސަބަބުތައް އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ. ވިދާޅުވީ ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރުކަމަށް ވާތީ މިއީ ސަރުކާރު ޖަވާބު ދާރީ ކުރުން ހުއްޓުވުމަށް ރާވައިގެން ކޮށްފައިވާ ޒާތީ ދައުވާއެއް ކަމަށެވެ.

މުޅި ތަހުގީގު ބިނާވެފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޔާމީނު، ސިޔާސީ ކަންކަމުން އެއްކިބާކުރުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އަދި ދައުވާގައި ޕީޖީގެ ފަރާތުން ހެކި ބަސް ދިން ޒިޔަތާއި އަދީބަކީ ކުށްވެރިންނަށް ވާއިރު މިއީ ނަފީގެ ސައްހަކަން ގެއްލިފައިވާ ދެ ހެކިވެރިން ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އިތުރު ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީނުގެ ފަރާތްޕުޅުން ޝަރީއަތުގައި އެދުނީ، އެމަނިކުފާގެ އިސްތިއުނާފުގެ މައްސަލައެއް ސްޕްރީމް ކޯޓުގައި ކުރިއަށް ދާތީ އާއި، ފުލުހަށް ހާޒިރުވާން ޖެހޭތީ ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށެވެ. އަދި ޝަރީއަތަށް ތައްޔާރުވުމަށް ދިގު މުއްދަތަކަށްވެސް އެދިވަޑައިގެންނެވިއެވެ.

މައްސަލަ ބައްލަވާ އިސް ގާޒީ މުހައްމަދު ޝަކީލް ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ހެކި ހުށަހެޅުމަށް އަޑުއެހުމެއް އޮންނާނެ ކަމަށް އިއުލާނު ކުރައްވާ ޝަރީއަތް ނިންމާލައްވާފަ އެވެ.

ދައުވާތަކުގެ ޝަރީއަތް ފެށުމުގެ ކުރިން މި މަހުގެ ހަތްވަނަަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެންގެވި އެއް މިލިއަން ޑޮލަރާއި، އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނަގައިދިނުމަށެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ނޮވެމްބަރު 28، 2019 ވަނަ ދުވަހު ހުކުމް ކުރި އެވެ. މި މައްސަލައަކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި މައްސަލައާ ގުޅިގެން އުފުލި ދައުވާއެކެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެވެ.