ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އާއްމު ހިދުމަތްތަކަށް ރަށްރަށަށް ދެވޭނީ ފަސް ދުވަހަށް

Jul 21, 2020

އާއްމު ހިދުމަތްތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ރަށްރަށަށް ދަތުރު ކުރެވޭނީ ގިނަ ވެގެން ފަސް ދުވަހަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން އާއްމު ހިދުމަތްތައް ފޯރުކޮށް ދިނުމަށް އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލަށް އެޗްޕީއޭއިން ވަނީ ބަދަލު ގެނެސް އަލުން އުސޫލު އާއްމު ކޮށްފަ އެވެ.

އާ އުސޫލުގައިވާ ގޮތުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ރިސޯޓުތައް ފިޔަވައި ރަށަކަށް ކަރަންޓީން ވުމަކާ ނުލައި ދެވޭނީ ގިނަ ވެގެން ފަސް ދުވަހަށެވެ.

މިފަދަ މަސައްކަތަކަށް ރިސޯޓްތަކަށް ދަތުރުކުރާ މީހުން އަމަލު ކުރަން ޖެހެނީ ރިސޯޓްތަކަށް އާއްމު ހިދުމަތްތައް ދިނުމަށް ދަތުރު ކުރުމާއި ގުޅޭގޮތުން އެޗްޕީއޭއިން ހަދާފައިވާ އުސޫލާއި އެއްގޮތަށްކަމަށް އެޗްޕީއޭ އިން އިތުރަށް ބުންޏެވެ.

ކުރު މުއްދަތަށް ކަރަންޓީންވުމާ ނުލާ މަސައްކަތަކަށް ދަތުރުކުރާ މީހުންނަށް ވެސް ރަށްރަށަށް ދަތުރު ކުރެވޭނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއް ގޮތަށެވެ.

އެގޮތުން އޮންނަ އުސޫލުގެ ދަށުން ހުއްދަ ހޯދާފައިވާކަން ޔަގީންކުރުމުމާއި، މަސައްކަތް ހިންގާ މުއައްސަސާގެ ޒިންމާތަކާއި، ރަށްރަށަށް ދަތުުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތަކާއި އަދި ދަތުރުކުރާ ރަށެއްގެ ކައުންސިލްގެ ޒިންމާވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން އެކި މަސައްކަތައް ކުރުމަށް 14 ދުވަހަވުރެ ކުރު މުއްދަކަކަށް ރާއްޖެ އައުމަށް ބޭނުންވާ މީހުންވެސް، ރާއްޖެ އައުމުގެ ކުރިން އެޗްޕީއޭގެ ހާއްސަ ހުއްދަ ނަގަންޖެހޭނެ އެވެ. މި ހުއްދަ ނަގަންވާނީ މަސައްކަތަށް ރާއްޖެ އަންނަ މީހާ ނުވަތަ މީހުން ގެންނަ ފަރާތުންކަމަށްވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.