ހަބަރު

އަދީބުގެ ބޭސް ފަރުވާއަށް ޝަރުތު ކުރެވޭނެބާ؟

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ޖަލަށްލީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދީބުގެ މައްޗަށް ފުލުފުލުގައި ދައުވާތައް އުފުލި އެވެ. އަދި އެހާމެ އަވަހަށް ކޯޓުން މައްސަލަތައް ނިންމާ ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވަމުން ދިޔައެވެ. އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމް އަދީބުގެ މައްޗަށް އިއްވި އެވެ. ހުކުމްތަކަށް ފަހު ވެސް އަދީބަށް ޖެހިވަޑައިގެންނެވީ ޖަލު ގޮޅީގައި އޮންނަވާށެވެ. އެތައް ދުވަހެއް ވަންދެން އަދީބު ބޭއްވެވީ ޖަލުގަ އެވެ. އެކަމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ.

ނަމަވެސް ފަރުވާ ކުރުމުގެ ފުރުސަތު ލިބި ވަޑައިގެންފައެއް ނުވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަދީބަށް ފަރުވާގެ ފުރުސަތު މުޅިން ބަންދުކުރި އެވެ. އަދި ދައުލަތުން ނަގާފައިވާ ފައިސާ ދެއްކުމަށް ފަހު ނޫނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް އަދީބަށް ވަނީ އަންގާފަ އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސިސްޓުތަކެއް ވެސް ވަނީ އުފެދިފަ އެވެ. އަދި އެ ނޫންވެސް އެތައް މައްސަލަތަކެއް ދިމާވެފައި ވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އަދީބަށް ފަރުވާގެ ފުރުސަތުތަކެއް ފަހި ކޮށްދީފައެއް ނުވެއެވެ.

އެކަމާ އަދީބުގެ އާއިލާއިން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބޭސްފަރުވާގެ ފުރުސަތު ދިނުމަށް އެދި އާދޭސް ކޮށްފައި ވެއެވެ.

އަދީބަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމުގެ ފުރުސަތު މި ސަރުކާރުން ފަހި ކޮށްދިނެވެ. ނަމަވެސް އިންޑިއާގައި ހުންނަވަނިކޮށް ބޭސް ފަރުވާ މެދުކަނޑާލުމަށް ފަހު އައުމަށް އެންގީ އެވެ. އޭގެ ފަހުން އަދީބު ހުންނެވީ ގޭގައެވެ. ނަމަވެސް ބޭސް ފަރުވާ ކުރަން ރާއްޖެއިން ބޭރަށްދާން ފުރުސަތު ދިނުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ފަހަރެއްގައި އެއީ ޓަގް ބޯޓެއްގައި އަދީބު ފިއްލަވަން މަސައްކަތް ކުރެއްވީ ކަމަށް ވެސް ވެދާނެ އެވެ.

އާ ސަރުކާރާއެކު ކޯޓްތަކުން ސިޔާސީ ބޭފުޅުންގެ މައްޗަށް ކުރިން ކޮށްފައިވާ ހުރިހާ ދައުވާތައް ބާތިލު ކުރިއެވެ. އޭގެ ތެރޭގައި އަދީބު ވެސް ހިމެނެ އެވެ. ނަމަވެސް ޕީޖީން ވަނީ އަދީބުގެ މައްޗަށް އިތުރު ހަތް ދައުވާއެއް އުފުލާފަ އެވެ. އެ ދައުވާތަކަކީ އެއްބަސްވުމެއްގެ ދަށުން އުފުލުނު ދައުވާތަކެކެވެ. އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް އަދީބާއެކު ޕީޖީން ގާއިމް ކުރިއެވެ.

އެފަދަ އެއްްބަސްވުމަކަށް އަދީބް އެއްބަސްވެވަޑައި ގެންނެވީ ބޭސް ފަރުވާއަށް އެނޫން އެއްވެސް ފުުރުސަތެއް ނެތްކަން އެންގުމުންނެވެ. އެ ވާހަކަތައް އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ވިދާޅުވެފަ އެވެ.

އަދީބުގެ މައްޗަށް އުފުލުނު ހަތް ދައުވާއާ ގުޅިގެން އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އިސްމާއީލް ރަޝީދު ވަނީ އެ ހަތް ދައުވާ ވެސް ބާތިލްކޮށް ކޯޓުން ބޭރު ކޮށްލާފަ އެވެ. އެއާއެކު އަދީބް ވަނީ މިނިވަން ވެފައެވެ. ނަމަވެސް ޕީޖީން އެދިގެން އަދީބުގެ ފުރުން މަނާކޮށް ފާސްޕޯޓް ހިފަހައްޓާފައި ވެއެވެ. އަދި އަލުން ދައުވާތައް އުފުލާނެ ކަމަށް ޕީޖީ ވަނީ ބުނެފައެވެ.

އަދީބުގެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮންމެ ސަރުކާރަކުން ވެސް ބޭސްފަރުވާގެ ފުރުސަތު ބަންދު ކުރުމެވެ.

ދެހާސް ބާރަ ވަނަ އަހަރު އަދީބު ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ދުވަސްވަރެއްގަ އެވެ. އޭރު ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް އޮތީ ވަރުގަދަ ކޮށެވެ.

އޭރު ރާއްޖޭގައި ހުރީ 23،000 ބެޑްގެ ކެޕޭސިޓީއެވެ. ނަމަވެސް އަދީބުގެ ވަޒީރުކަމުގައި އެ އަދަދު ވަނީ ބޮޑުތަނުން އިތުރު ކޮށްފައެވެ. މިދިޔަ އަހަރުތަކުގައި ހުޅުވުނު ހުރިހާ ރިސޯޓްތަކަކީ އަދީބުގެ މިނިސްޓަރު ކަމުގައި އޭނާ ދޫކުރި ރަށްތަކެވެ. އަދި ބެޑް ކެޕޭޝިޓީ މިހާރު ވަނީ 49،000 އިތުރު ކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެއާޕޯޓް ޖީއެމްއާރު އަތުން ނެގުމަށް އެ މައްސަލަ ކެބިނެޓަށް ހުށައެޅުއްވީ އަދީބެވެ. އަދި އައު ރަންވޭގެ މަސައްކަތް ފެށުމުގެ މޭސްތެރިއަކީ އެއީއެވެ. އަދި އެސްއީޒެޑް ގާނޫނެއް ވުދޫކޮށް އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށް އަދީބް ވަނީ އެތައް މަަސައްކަތްތަކެއް ކޮށްފައެވެ. އެެހެން ކަމުން އަދީބާ ގުޅުންހުރި މައްސަލަތައް ބެލި ނަމަވެސް ބޭސް ފަރުވާގެ ފުރުސަތު ދޭން ޖެހެ އެވެ.