އެންމެ މާތް ދުވަސްތައް ފެށިފައިވާއިރު އިސްލާމްދީނަށް ނަސްރު ދިނުމުގައި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވުމަށް ޖަމިއްޔަތުއްސަލަފްގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބިން މުހައްމަދު ގޮވާލައްވައިފި އެވެ.
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަހެވެ. ހައްޖު މަހަކީ މާތްﷲ ހުރުމަތްތެރި ކުރެއްވި މައްސަރުގެ ތަކުގެ ތެރެއިން މައްސަރެކެވެ. އަދި ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކެކެވެ.
ހައްޖު މަސް ފެށުމާ ގުޅިގެން ޝައިހް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދުނިޔެއިން ބައްދަލްކުރާނެ އެންމެ މާތް ދުވަސްތައް ފެށިފައިވާއިރު މިއީ ހެޔޮ އަމަލު ކުރުމުގެ ހާއްސަ މޫސުމެއް ކަމަށެވެ. އަދި ހެޔޮ އަމަލުތަކުގެ އެންމެ ކުރީސަފުގައި އިސްލާމްދީނާއި އެ ދީނުގެ ނަބިއްޔާ ދިފާއުކުރުން ހިމެނިގެންވާ ކަމަށް ޝައިހް ވިދާޅުވިއެވެ.
އަބްދުﷲ ވަނީ މާތް ނަބިއްޔާ އަށް ކުޑައިމީސްކޮށްފައިވާ އެމްޑީއެންއާ އުތެމަ ޖަމިއްޔާއިން ނެރުނު އަނިޔާވެރި ރިޕޯޓް ކުށްވެރިކޮށް ރަށްރަށުގެ ކައުންސިލް އިދާރާ އަދި ޖަމިއްޔާ ޖަމާއަތްތަކުން ބަޔާންނެރެ އިސްލާމްދީނަށް ނަސްރު ދިނުމުގައި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ އެ ދެ ޖަމާއަތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކުރުމަށް ގޮވާލައްވާފައެވެ.
މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލާގައި އުވާލި، ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ ނުރައްކާތެރިކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައީ ދީނީ އިލްމުވެރިންނެވެ.
އަދި އޭގެ ފަހުން އެތެމަ ޖަމިއްޔާއިން އެފަދަ ދެވަނަ ރިޕޯޓެއް ނެެރުމުން އެކަންވެސް އިލްމުވެރިން ވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.
މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލާގައި އުވާލި، ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓް ދިފާއުކޮށް އެފަދަ ދެވަނަ ރިޕޯޓެއް ރާއްޖޭގައި ހިންގާ އުތެމަ ޖަމިއްޔާ އިން ތައްޔާރު ކޮށްފައި ވާތީ އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް އިލްމުވެރިންގެ ުގުޅުމުންވެސް ވަނީ ގޮވާލާފައެވެ.
އިލްމުވެރިން ދާދިފަހުން ވަނީ މި މައްސަލަތަކާއި ގުޅިގެން ސީޕީއާވެސް ބައްދަލްކުރައްވާފައެވެ.