ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރަން އެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެޖިސްޓްރޭޓް މައުސޫމް ވަކި ކޮށްދޭން ޖޭއެސްސީން މަޖިލީހަށް ފޮނުއްވި މައްސަލައިގެ ސިޓީ ވަނީ އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.
އެ މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަން ވެސް މަޖިލީހުގެ ރައީސް މިއަދު އިއުލާން ކުރެއްވި އެވެ.
ޖޭއެސްސީއިން ބުނެފައިވާ ގޮތުގައި، މައުސޫމްއާ ގުޅޭ ގޮތުން ތަހުގީގު ކުރި ސުލޫކީ މައްސަލަތަކުގެ ތެރެއިން ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާ މައްސަލައެއް ފާހަގަ ކުރެވިފައިވެ އެވެ.
މައުސޫމް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ. އޭނާގެ އެކައުންޓަށް ފައިސާ އާއި އިނާޔަތުގެ ގޮތުގެ އިތުރުން ދެން ވަދެފައިވާ ފައިސާއަކީ ނާޖައިޒު ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
މަސައްކަތުގެ މާހައުލުގައި ވެސް މައުސޫމް އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެ އެވެ. އެ ގޮތުން ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަން ވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.