ސަލްމާން ހާން

ލޮކްޑައުންގައި ސަލްމާންގެ އުޅުނީ ދަނޑުގޮވާން ކުރަން

ލޮކްޑައުންގައި ސަލްމާން ޚާން ވަރަށް ބުރަކޮށް ދަނޑު ހެއްދުމުގެ މަސައްކަތުގައި އުޅޭ މަންޒަރުތައް އޭނާ ދަނީ ސޯޝަލް މީޑިޔާގައި ޝެއާ ކުރަމުންނެވެ. ސަލްމާންގެ އަމިއްލަ ފާމް ހައުސްގައި އޭނާ މިހާރު އިން ދަނީ ހަނޑުލެވެ. އެގޮތުން އޭނާ ހަނޑޫ އިންދާ ތަނާއި ޓްރެކްޓަރު ދުއްވާ މަންޒަރު ވެސް އޭނާ ޝެއާ ކޮށްފައިވާ ވީޑީއޯ އާއި ފޮޓޯ ތަކުން ފެނެ އެވެ.

ބެލެވޭ ގޮތުގައި ދަނޑުވެރިކަމުގެ މަސައްކަތަކީ ސަލްމާން މިހާރު ވަރަށް ޝައުގުވެރިކަމާއެކު ކުރާ ހިތުން ކުރާ ކަމެކެވެ.

ޗަކަގަނޑުގެ ތެރޭގައި ހަނޑޫ ގަސްތައް ޖެހުމުގެ މަސައްކަތް ބައެއް މީހުންނާއެކު ސަލްމާން ކުރާ މަންޒަރު އެންމެ ފަހުން އޭނާ ޝެއާކުރި ވީޑީއޯ އިން ފެނެ އެވެ. ސަލްމާންގެ މުޅި ގައިގައި ޗަކަ އުނގުޅިފައި ހުރުމާއެކު އަތާއި މޫނުގައި ހުރި ޗަކަތައް ދޮވެ ސާފުކުރާ މަންޒަރު ވެސް ފެނެ އެވެ.

ލޮކްޑައުންގައި ހަތަރު ވަރަކަށް މަސް ދުވަހު ބޭރަށް ނުގޮސް ހުންނަން ޖެހުމުން އެ ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ރަނގަޅު ގޮތުގައި ހިފާ އެކްޓަރުންގެ ތެރޭގައި ސަލްމާން ވަނީ ހިމެނި ފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ އާއި އެހެނިހެން ވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗެތި ވެސް ސަލްމާން ގެންދަނީ ބަހަމުންނެވެ.
ލޮކްޑައުން ކުރިއިރު ސަލްމާން މަސައްކަތް ކުރަމުން ދިޔައީ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ގައެވެ. ދިޝާ ޕަޓްނީ އާއެކު އޭނާ ކުޅޭ މި ފިލްމުގެ މަސައްކަތް ކުރަމުންދިޔައީ ފިތުރު އީދުގައި ރިލީޒްކުރަން ނަމަވެސް ކުއްލިއަކަށް މަސައްކަތް ހުއްޓާލަން ޖެހުމުން މިހާރު ދެން ރިލިޒްކުރެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.

ބިގް ބޮސްގެ މުޅިން އާ ސީޒަނެއް ހޯސްޓްކުރުމުގެ މަސައްކަތް ވެސް ސަލްމާން ދާދި އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ޝޯ ހޯސްޓްކުރުމުގެ ކަންތައް ސަލްމާން ކުރިޔަށް ގެންދާނީ އަމިއްލަ ފާމް ހައުސްގައި ހުރެގެންނެވެ.