ދިރާސީ އާ އަހަރު އޮގަސްޓު/ސެޕްޓެމްބަރު މަހަށް ބަދަލު ކުރުމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްކޫލްތަކުގެ ކިޔެވުން ފެށުން އޯގަސްޓް/ސެޕްޓެމްބަރު މަހަށް ބަދަލު ކުރުމާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ހިޔާލުވެސް ބޭނުންވާ ކަމަށެވެ. ހިޔާލު ދޭން ބޭނުންވާ މީހުންނަށް ފޯމެއް ފުރުމަށް އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމުން މި އަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ތާވަލުކޮށްފައިިވާ ސާނަވީ ނިންމާ އިމްތިހާނުތައް އަންނަ އަހަރުގެ މެއި ޖޫން ގައި ބޭއްވުމަށް ނިންމާ، ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރު މެދުން ފެށުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އަދި، ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުން ދާއިމީ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފަ އެވެ.
އެ ބަދަލަކީ ދާއިމީ ބަދަލަށް ހަދަން ފެނޭތޯ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި އަދި ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުން ދާއިމީ ވުމަކީ ގާތް ކަމެއް ކަމަށްވެސް މިނިސްޓަރު ވަނީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މިދަނީ މި ބަދަލަކީ ދާއިމީ ބަދަލަށް ހަދަން ފެނޭތޯ މަޝްވަރާކުރަމުން. އޭގެ ތެރޭގައި ބެލެނިވެރިންނާއި، ދަރިވަރުންނާއި، މުދައްރިސުންނާއި ސުކޫލްތަކުގެ ހިންގުންތެރިންނާއި އަދި އެހެނިހެން ސެކްޓަރުގެ ބޭފުޅުންނާވެސް މިދަނީ މަޝްވަރާކުރަމުން. ފަހަރުގައި މި ބަދަލަކީ ދާއިމީ ބަދަލަކަށްވުންވެސް ވަރަށް ގާތް." ކޮވިޑަށްފަހު ސްކޫލްތަކަށް ގެނައި ބަދަލުތަކާ ގުޅިގެން މިދިޔަ މޭ މަހު މިނިސްޓަރު ވިދާޅުވި އެވެ.
ދިރާސީ އަހަރު ނިމި ސުކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެމްބަރު އަދި ޖަނަވަރީ ކަމަށްވާތީ އެކަން ބަދަލުކޮށް ދިނުމަށް ގިނަ ބަޔަކު ވަނީ އެދިފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ސެކްޓަރުގައި މަސައްކަތް ކުރާ ދިވެހިން އެކަމަށް އެދެ އެެވެ. އަހަރުގެ ފަހުކޮޅާއި އަހަރުގެ ކުރީކޮޅަކީ ރާއްޖޭގެ ރިސޯޓްތަކަށް އެންމެ ބާރު ބޮޑު ދުވަސްވަރު ކަމުން އެ ދުވަސްތަކުގައި ރިސޯޓްތަކުން މުވައްޒިފުންނަށް ޗުއްޓީ ދިނުން އޮންނަނީ މެދުކަނޑާލާފަ އެވެ.
މިނިސްޓަރު ކުރިން ވިދާޅުވީ މި ބަދަލު ވެގެންދާނީ ވަރަށް ބޮޑު އަދި ވަރަށް ގިނަ ބަޔަކަށް އަސަރު ކުރާނެ ބަދަލަކަށްވާތީ އެއްވެސް ބަދަލެއް ގެންނާނީ މަޝްވަރާތަކަށްފަހު އެންމެ ގިނަ ބަޔަކަށް ފެންނަ ގޮތަކަށް ކަމަށެވެ.