ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު އަހުމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާތީ އެ މައްސަލަތައް ތަހުގީގުކޮށް ދިނުމަށް އެދި އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވަންމަންޓް (އެމްއާރްއެމް) އިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަރިހުގައި އެދިއްޖެ އެވެ.
އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ސޮއިކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ފަޒީލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ބަޔަކު ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ. ޖިންސީ އަނިޔާއާ ގޯނާގެ އަމަލުތަކަކީ ގާނޫނޫ ހިލާފު އަދި އެޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަން ނޫން ކަމަށްވެސް ބުންޏެވެ.
އެހެން ކަމުން ފަޒީލްގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކޮށްދިނުމަށް ވަނީ އެދިފައެވެ.
އެމްއާރްއެމްއިން މިއަދު ވަނީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށްވެސް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައިވެސް ފަޒީލްގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތައް ބަލައިދިނުމަށް އެދިފައިވެއެވެ.
ފަޒީލްގެ މައްޗަށްު ކުރެވޭ ޖިންސީ ގޯނާގެ ސީރިޔަސް ތުހުމަތުތަކާއެކު ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި މިދިޔަ ދެ ދުވަހު ފަޒީލާ ގުޅޭ ގޮތުން ޖިންސީ ގޯނާއާއި ފުރައްސާރައާ ގުޅޭ ސީރިޔަސް ތުހުމަތުތަކެއް ވަނީ ފެންމަތިކޮށްފަ އެވެ.