ބޭރު ކުޅިވަރު

ލިވަޕޫލް ކޯޗު މަގާމުން ވަކިކޮށްފި

Oct 5, 2015

ލިވަޕޫލްގެ ކޯޗުކަމުން ބްރެންޑަން ރޮޖާސް ވަކިކޮށްފި އެވެ.

ލިވަޕޫލްގެ އާ ކޯޗަކަށް ގެންނާނެ ކަމަށް ބެލެވެނީ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ޖާގަން ކްލޮޕް ނުވަތަ ރެއާލް މެޑްރިޑާއި ޗެލްސީ އަދި އޭސީމިލާނުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ އެވެ.

ކޯޗު މަގާމުން ވަކިކުރިކަން އެންގީ އިނގިރޭސި ޕްރެމިއާ ލީގުގައި އެވަޓަންއާ ބައްދަލުކުރި މެޗު  1-1 އިން އެއްވަރުވެ ލީގުގެ 10 ވަނަ އަށް އެ ޓީމު ވެއްޓުނުތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ނަމަވެސް ލިވަޕޫލްގެ ކަންތައްތައް ވަރަށް ގާތުން ބަލަމުން ކުލަބާ ގުޅުން ހުރި ނޫސްވެރިން ބުނާގޮތުގައި ލިވަޕޫލް މިހާރު ހިންގަމުން އަންނަ ފެންވޭ ސްޕޯޓްސް ގްރޫޕުން ކޯޗު މަގާމުން ވަކިކުރީ މެޗުގެ ކުރިންނެވެ. އަދި އެކަން އޭނާ އަށް ނާންގައި އޮތީ މެޗަށް ނޭދެވޭ އަސަރުކޮށްފާނެތީ އެވެ. އަދި ކޯޗަށް އޭނާ މަގާމުން ވަކިކުރިކަން އެންގީ މެޗަށް ފަހު އެނބުރި ލިވަޕޫލަށް ދިއުމުން އިހުތިރާމާއެކުގައި ކަމަށެވެ.

މީގެ ތިން އަހަރާއި ބައިގެ ކުރިން ސްވަންސީން ލިވަޕޫލުގެ ކޯޗުކަމާ ހަވާލުވި ރޮޖާސް މަގާމުން ވަކިކުރީ ބޮޑެތި ހޭދަތަކެއް ކުރުމަށްފަހު ކާމިޔާބު ނުލިބޭތީ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ހަތަރު މެޗެވެ. މީގެ ތެރޭގައި ލީގު ކަޕުގައި އާދައިގެ ޓީމެއްގެ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗު ވެސް ހިމެނެ އެވެ.

ލިވަޕޫލުން ނެރުނު ބަޔާނުގައިވަނީ މިއީ އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް ކާމިޔާބު ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ގެނައީ ކަމަށެވެ. އަދި ފާއިތުވެދިޔަ ތިން އަހަރާއި ބައިގައި ރޮޖާސް އެކުލަބަށް ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާ އަށް އަބަދުވެސް ކާމިޔާބީ އަށް އެދޭ ކަމަށެވެ.

އުތުރު އަޔަލޭންޑްގެ ކޯޗު ރޮޖާސް ލިވަޕޫލާ ހަވާލުވުމަށްފަހު 2013 ވަނަ އަހަރު ވަނީ ޕްރެމިއާ ލީގު ކާމިޔާބު ކުރުމާ ވަރަށް ގާތަށް ގޮސްފަ އެވެ. ތަށި ހޯދުމުގެ އަމިއްލަ ބާރު އޮއްވައި އެއިރުގެ ކެޕްޓަން ސްޓީވަން ޖެރާޑަށް ހެދުނު މިސްޓޭކެއްގައި ޗެލްސީއާ އެއްވަރުވުމުން އެ އަހަރު އޭނާ ލީގު ލިވަޕޫލް ނިންމާލީ ދެ ވަނާގަ އެވެ. އަދި އޭނާގެ ކޯޗުކަމުގައި އަލުން ޗެމްޕިއަންސް ލީގަށް ކޮލިފައިވެ އެ މުބާރާތް ކުޅުނު ނަމަވެސް ފުރަތަމަ ބުރުލް ފޭލްވީ އެވެ.

ރޮޖާސް ފާހަގަ ކުރެވެނީ އޭނާގެ ދުވަސްވަރު ލިވަޕޫލްގެ ކުރީގެ މޮޅެތި ކުޅުންތެރިން ކުލަބު ދޫކުރި ކޯޗެއްގަ އެވެ. ސްޓީވަން ޖެރާޑާއި ޖެމައިން ކަރެގާ އަދި ލުއިސް ސުއަރޭޒާއި ރަހީމް ސްޓާލިން މީގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު ހުރިހާ ކުޅުންތެރިން ވެސް އޭނާ އަށް ޝުކުރުއަދާކުރި އެވެ.