ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށްބުނެ ވެބްސައިޓެއްގައި ޖެހި ލިޔުމަކަށް މައުލޫމާތު ދީފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކަމަށް އެ ވެބްސައިޓުން ބުނުމުން އެ ތުހުމަތުތައް އާޒިމާ ދޮގު ކުރައްވައިފި އެވެ.
ކެންޔާގެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަަލަ ފުލުހުންނަށް ހުށަހެޅީ 26 ޖޫން ވީ ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. އަދި އެ މައްސަލާގައި ތުހުމަތުވާ ދެ މީހަކު ހައްޔަރު ކުރުމަށް ފަހު ކުއްލި ގޮތަކަށް ވަނީ ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލީ "ނުފޫޒުގަދަ" ބައެއް ކަމަށް ބުނެ ފުލުހުންގެ އިސްވެރިން އަންގައިގެން ކަމަށް އަޑުތައް ފެތުރިފައި ވެ އެވެ.
ކެންޔާ އަންހެން މީހާއާ ހަވާލާދީ އެހެން ނޫސްތަކުގައި އެކި މައުލޫމާތު ފަތުރާފައިވެ އެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުން، އެއްވެސް ނޫހަކަށް އަންހެން މީހާ އިންޓަވިއުއެއް ނުދެ އެވެ.
ކެންޔާ އަންހެން މީހާގެ ވާހަކަ ހިމެނޭ ތަފުސީލުކޮށް ވެބްސައިޓެއްގައި ޖެހުުމުން ސަރުކާރާއި ފުލުހުންނަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް، ފުލުހުން ވަނީ އެ އަންހެންމީހާ އިންޓަވިއު އެއް ނުދޭ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ވެބްސައިޓުން އެ މީހުންގެ ލިޔުން ދިފާއުކޮށް ހެކި ހުރި ކަމަށާއި އެކަން ސާބިތު ކުރާނެ ކަމަށް ބުނެ ބަޔާނެއް ނެރުނެވެ.
ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ރޭ އެ ވެބްސައިޓުން ނެރުނު ބަޔާނެއްގައި ވާހަކަ ބަދަލުކޮށް ބުނެފައި ވަނީ "ސަފާރީގައި ރޭޕް ކުރި އަންހެން ކުއްޖާގެ ދުލުން އެ ބިރުވެރި ނުބައި އަމަލާއި އަދި ބޭއިންސާފުގެ ވާހަކަތައް" ނަމުގައި ލިޔެ ޕަބްލިޝް ކުރި ލިޔުމަށް ސީދާ ވިކްޓިމް ގެ ފަރާތުން ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މައުލޫމާތު ދީފައިވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކަމަށެވެ. އަދި އެ ވެބްސައިޓުން ފަހުން ބެލި އިރު ސަފާރީގައި ހިނގާފައިވަނީ ރޭޕެއް ނޫންކަ މަށެވެ.
މި ތުހުމަތުތަކާ ގުޅިގެން އާޒިމާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއްވެސް ނޫހަކާ ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.
"މި މައްސަލައިގައި އަޅުގަނޑު ގާނޫނީ ފިޔަވަޅު އަޅާނަން... އަޅުގަނޑު މައުލޫމާތު ދިނިއްޔާ ދިން ގޮތަކާއި ވާހަކަ ދެއްކި މީހަކާ ހުންނަން ވާނެ ނޫންތޯ؟،" އާޒިމާ ލިޔުއްވާފައިވެ އެވެ.