ބޭރު ކުޅިވަރު

ލިވަޕޫލަށް އަތުޖެހޭނީ އެންޗެލޯޓީތަ؟ ނޫނީ ކްލޮޕްތަ؟

Oct 5, 2015

ތިން އަހަރާއިބަޔަށް ފަހު ބްރެންޑަން ރޮޖާސް މަގާމުން ވަކިކުރުމަށްފަހު ލިވަޕޫލުން މިހާރު ދަނީ އާ ކޯޗަކަށް ފާރަލަމުންނެވެ. ކުލަބާ ގުޅުންހުރި ނޫސްވެރިން ބުނާގޮތުގައި ލިވަޕޫލަށް ގެންނާނީ ރެއާލް މެޑްރިޑާއި އޭސީމިލާން އަދި ޗެލްސީގެ ކުރީގެ ކޯޗު އިޓަލީގެ ކާލޯ އެންޗެލޯޓީ ނުވަތަ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ޖާގަން ކްލޮޕް އެވެ. އެމެރިކާގެ ކޯޗު ޖާގަން ކްލިންސްމަނާއި އަޔެކްސްގެ ކޯޗު ފްރޭންކް ޑިބޯ އާއި ސައުތެމްޓަނުގެ ކޯޗު ރޮނަލްޑް ކޮއެމަން ފަދަ މީހަކަށް ފުރުސަތު އޮތީ އެންޗެލޯޓީ އާއި ކްލޮޕް އަތުނުޖެހިއްޖެނަމަ އެވެ. އެހެންވިއްޔާ މި ދެ ކޯޗުންކުރެ ރަނގަޅީ ކާކު ހެއްޔެވެ؟

އެންޗެލޯޓީ: އެންޗެލޯޓީ އަކީ ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔަބުކޮށްފައިވާ ދެ ކޯޗުންކުރެ އެއް ކޯޗެކެވެ. އެކަމަކު އިޓާލިއަން ލީގު ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކު އެވެ. ޗެލްސީގައި ޕްރެމިއާ ލީގު ކާމިޔާބުކުރި ނަމަވެސް ރެއާލްގައި ސްޕެނިޝް ލީގު އަތަކު ނުޖެހުނެވެ. މިހެންވެ އެންޗެލޯޓީ ބޮޑަށް ރަނގަޅަކީ ކުރު މުބާރާތްތަކާއި ޗެމްޕިއަންސް ލީގަށް ކަމަށް ބުނެވިދާނެ އެވެ. ލިވަޕޫލަކީ މިހާރު ޗެމްޕިއަންސް ލީގަށް ކޮލިފައިވާން މަސައްކަތް ކުރާ ޓީމެކެވެ. މިއާ ހިލާފަށް އެންޗެލޯޓީ އަކީ ތައްޓަށް ވާދަކުރާ ޓީމުތަކާ ދިމާލަށް ދުވި ކޯޗެކެވެ.

ކްލޮޕް: އޭނާގެ ހަތް އަހަރު ތެރޭގައި ބަޔާން މިއުނިކްގެ ވަރުގަދަ ކަމާއެކު ވެސް ދެ ފަހަރަކު އޭނާ ވަނީ ބުންޑަސްލީގާ ޑޯޓްމުންޑަށް ކާމިޔާބުކޮށްދީފަ އެވެ. ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކުރި އެވެ. މީގެ އިތުރުން ބަޔާން ބަލިކޮށް ޖަރުމަނު ސުޕަ ކަޕް ވެސް ދެތިން ފަހަރަކު ހޯދި އެވެ. އެންޗެލޯޓީ އަށްވުރެ އޭނާގެ ކާމިޔާމީތައް މަދެވެ. އެކަމަކު ޑޯޓްމުންޑް ފަދައިން ލިވަޕޫލަކީ ވެސް އަރައިގަތުމަށް މަސައްކަތްކުރާ ޓީމެކެވެ.

އެންޗެލޯޓީ: ޗެލްސީ އާއި ޕީއެސްޖީ އަދި ރެއާލް މެޑްރިޑުގެ ޗެކް ފޮތްތައް ހުޅުވިފައި އޮތުމުން ޒުވާން ކުޅުންތެރިން ނަގައި ކޮޅަށް ޖެހުމަކީ އެންޗެލޯޓީ އިސްކަންދިން ކަމެއްނޫނެވެ. އޭނާ ބެލީ ތަރިން ގަނެގެން ކާމިޔާބު ހޯދުމަށެވެ. ރެއާލް މެޑްރިޑުގައި އޭނާ ހޭދަކުރި ދެ އަހަރު ތެރޭގައ ރެއާލްގެ ޓީމުގައި ޒުވާން ކުޅުންތެރިންގެ ތެރެއިން ޓީމުން ޖާގަ ލިބުނީ ރަފޭލް ވަރާނޭ އާއި ޑެނީ ކަވަޖެލް އަދި ޔެސޭ އެވެ.

ކްލޮޕް: މާލީ ދަތިތަކެއް ހުރުމުން ޒުވާން ކުޅުންތެރިންނަށް ގޮވައިގެން ކާމިޔާބު ހޯދި އެވެ. ޝިންޖީ ކަގާވާ އާއި ނޫރީ ސާހިން ފަދަ ކުޅުންތެރިން ބަޔަކަށް ހަދައިދިނީ އޭނާ އެވެ. ރެއާލް މެޑްރިޑުން ސާހިން އަދި އެލެކްސް ފާގަސަން މެންޗެސްޓާ ޔުނައިޓެޑަށް ކަގާވާ ގަތީ ކްލޮޕް ކައިރިންނެވެ. އެކަމަކު އަގުބޮޑުކޮށް ވިއްކާލި ދެ ކުޅުންތެރިންވެސް ވީ ފްލޮޕަކަށެވެ.

އެންޗެލޯޓީ: މުޅި ކެރިއަރުގައި ވެސް އެންޗެލޯޓީ އަކީ ދުނިޔޭގެ ފެންވަރުގެ ތަރިންގެ ކޯޗެކެވެ. ޕީއެސްޖީގައި ޒްލަޓާން އިބްރަހިމޮވިޗް، މިލާނުގައި ކަކާ، ރެއާލްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިން މޮޅަށް ކުޅުނީ އޭނާގެ ބަސް އަހައިގެންނެވެ. ރެއާލްގެ ފުރަތަމަ 11އިން ޖާގަ ނުލިބޭތީވެ ކަސިޔަސް ހިތްހަމަނުޖެހިފައިހުރި ހުރުން ސްޕެނިޝް ކަޕާއި ޗެމްޕިއަންސްލީގުން ފުރުސަތުދީގެން ހައްލުކުރި އެވެ. އެއްވެސް ކުޅުންތެރިއަކު އޭނާގެ ބޮލަށް ނާރަ އެވެ. އިހްތިރާމްކުރި އެވެ. ރެއާލްއިން އޭނާ ވަކިކުރި އިރު ހުރިހާ ކުޅުންތެރިން 10 އިން 10 އަށް އޭނާ އަށް ދިނެވެ.

ކްލޮޕް: ތަރިން ގެންގުޅުމުގައި ކްލޮޕްގެ ތަޖުރިބާމަދެވެ. ނަމަވެސް މިހާރު ލިވަޕޫލުން މިވަނީ އެ ޓީމުގެ ތަރިންތައް ވިއްކާލައިފަ އެވެ. އަނެއްބައި މަސްފަލަ ކުޅުންތެރިން ކުޅުން ހުއްޓާލައިފި އެވެ. އެހެންވީމަ މިއީ ލިވަޕޫލްގައި އޭނާ އަށް ދިމާނުވާނެ މައްސަލައެކެވެ. އޭނާ މިހާތަނަށް މަސައްކަތްކުރީ ކުޅުންތެރިން ދުނިޔޭގެ ފެންވަރުގެ މީހުންނަށް ހަދައިދިނުމުގަ އެވެ. އެންމެ 10 މިނިޓްތެރޭގައި ބަޔާން އަށް މިދިޔަ ހަފުތާގައި ފަސް ގޯލު ޖެހި ރޮބަޓް ލެވޮންޑޯސްކީ ފަދަ ކުޅުންތެރިންގެ ވިދާލުމުގެ ފަހަތުގައި ހުރީ އޭނާ އެވެ.

އެންޗެލޯޓީ: ކޮންމެ ކުލަބެއްގައި ވެސް އެންޗެލޯޓީ މަގުބޫލުކަން ހޯދި އެވެ. ޓީމުގައި އެއިރެއްގައި ތިބޭ ތަރިން ފަދައިން ސަޕޯޓަރުންގެ މެދުގައި މަގުބޫލުމީހަކަށް އޭނާވެ އެވެ.

ކްލޮޕް: ޓަޗްލައިނާއި ބެންޗާ ދެމެދު އަބަދު ހިނގާލަހިނގާލައި ހުންނަ ކޯޗަކީ ޖަރުމަނުގައި މަގުބޫލު ކޯޗެކެވެ. ރެއާލް މެޑްރިޑް 4-1އިން ބަލިކުރި ދުވަހަކީ އަދިވެސް އޭނާގެ މަތިން ޑޯޓްމުންޑްގެ ސަޕޯޓަރުން ހަނދާންކުރާ ދުވަހެކެވެ. އޭނާގެ ވަދާއީ މެޗުގައި ޑޯޓްމުންޑްގެ ސަޕޯޓަރުން ދަނޑު ބަދަލުކޮށްލީ ރީނދޫ ފާރަކަށް ކަމަށް ނޫސްތަކުން ސިފަކުރި އެވެ.