ބޭރު ކުޅިވަރު

ޕީއެސްޖީގެ ރެކޯޑް ލަނޑުޖެހުންތެރިއަކަށް އިބްރަހިމޮވިޗް

Oct 5, 2015

ފްރާންސްގެ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ސްވިޑްންގެ ޒްލަޓާން އިބްރަހިމޮވިޗް ހޯދައިފި އެވެ.

އުމުރުން 34 އަހަރު ފުރުތާ އެއް ދުވަސް ފަހުން އިބްރަހިމޮވިޗް މި ރެކޯޑް މުގުރާލީ މާސޭ އަތުން 2-1އިން މޮޅުވި މެޗުގަ އެވެ. މި މެޗުގައި ޕީއެސްޖީގެ ދެ ގޯލު ވެސް އޭނާ ޖެހީ ލިބުނު ދެ ޕެނަލްޓީންނެވެ. މި ދެ ލަނޑާއެކު ޕީއެސްޖީ އަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 110 އަށް އަރައިފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ 109 ގޯލު ޖަހާދީފައިވާ ޕެޑްރޯ ޕައުލެޓާގެ އަތުގަ އެވެ.

އިޓަލީގެ އޭސީމިލާނުން 2012 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު އިބްރަހިމޮވިޗް މި ރެކޯޑް މުގުރާލީ އެ ޓީމަށް ކުޅެދިން 137 މެޗުންނެވެ. ރޭގެ މެޗުގެ 70 ވަނަ މިނިޓްގައި އޭނާ ބަދަލު ކުރުމުން އިބްރަހިމޮވިޗަށް ވަނީ ހާއްސަ ހަނދާނީ ފިލައެއްވެސް ދީފަ އެވެ.

އިޓަލީގެ އިންޓަމިލާނާއި ޔުވެންޓަސް އަދި ސްޕޭނުގެ ބާސެލޯނާ އާއި ނެދަލޭންޑްސްގެ އަޔެލްސް އަށް ކުޅުނު އިބްރަހިމޮވިޗް ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި 344 ލަނޑު ޖަހައިފަ އެވެ. މީގެ ތެރޭގައި ގައުމީ ޓީމަށް ޖަހައިދިން 57 ލަނޑު ވެސް ހިމެނެ އެވެ.