ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރާއި ދެކުނުން ސ. ހިތަދޫގެ ސަރަހައްދީ ބަނދަރާއި މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައިވާ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ގެންދާ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލާގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލުމަށާއި ޑިއުޓީ ކަނޑާލާ ބާވަތްތަކުގެ ތެރޭގައި ދުންފަތް ނުހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހެވެ.
އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ގާނޫނަކަށް ވަނީ ވެފަ އެވެ.
މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި އިންޓަނޭޝަނަލް އެއާޕޯޓްތައް އޮންނަނީ އުތުރުން ހދ. ހަނިމާދޫ އާއި ދެކުނުން އައްޑޫ ސިޓީ ގަމުގަ އެވެ. ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވޭއިރު، އދ. މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވެ އެވެ.
އިމްޕޯޓް ޑިއުޓީއަށް ގެނެވޭ އެހެން ބަދަލުތައް
މަސްވެރިކަން ކުރުމަށާއި އޮޑިދޯނި ފަހަރާއި ބޯޓު ބަނުމަށް ބޭނުން ކުރާ ތަކެތީންނާއި، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީންނާއި، އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހިމަނާފައިވެ އެވެ. ރާއްޖޭގައި އޮޑިދޯނި ފަހަރު ބަނުމަށާއި ބޯޓު ފަހަރު ބަނެ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖެއަށް ގެންނަ ބޯޓު ފަހަރާއި ފްލޯޓިން ސްޓްރަކްޗާތަކަށް ޑިއުޓީ ނެގުމަށް ވެސް ބިލުގައިވެ އެވެ.
މާލެ ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ބޭނުން ކުރުމަށް ގެންނަ އެއްގަމު އުޅަނދު ފަހަރުތަކުން ޑިއުޓީ މައާފު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެ ގޮތަށް ކަނޑައަޅާނީ ރަށުގެ ބޮޑުމިނާއި ދަތުރުފަތުރުގެ ވަސީލަތްތަކުގެ މުހިއްމު ކަމަށް ބެލުމަށް ފަހުގަ އެވެ.
އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތީގެ ތެރެއިން ޑޮމެސްޓިކް ދޮންނަ މެޝިނާއި، ފެން ފިލްޓާ ކުރުމަށް ބޭނުންކުރާ ގެވެހި ސާމާނާއި، އިންވާޓާ އެއާ ކޯންޑިޝަނާ ފަދަ ތަކެތިން ޑިއުޓީ ކަނޑާލަން ވެސް ބިލުގައިވެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް ބޭނުން ކުރާ ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމަނާފައިވެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި އިންޖީނުލީ ދުވާ އެއްޗެއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗެހީގެ އިތުރުން އެފަދަ ތަކެތީގެ ބައިތަކާއި އެފަދަ ތަކެތީގެ އިންޖީނު ވެސް ހިމެނެ އެވެ.
މީގެ އިތުރުން ސިއްހީ ގޮތުން ރައްކާތެރި ނޫން ކަމަށް ބެލެވޭ ކާބޯތަކެތީގެ ބައެއް ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ބިލުގައި ހިމަނާފައިވެ އެވެ. އެ ގޮތުން ސޮފްޓް ޑްރިންކްސްއާއި ހަކުރު އެކުލެވޭ ބުއިންތަކުގެ ޑިއުޓީ ރޭޓް ބޮޑު ކުރުމަށާއި އަދި ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ބިލުގައިވެ އެވެ.
ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވެ އެވެ. ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ޑިއުޓީ ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.