ކޮވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރި ގޮތަށް ބަލާއިރު އިގްތިސާދު އަލުން އާރާސްތު ކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ ދިވެހި އިގްތިސާދު އަލުން އާރާސްތު ކުރުމަށް ދެ އަހަރެއްހާ ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ބެލެވޭ ނަމަވެސް ވީއެންމެ އަވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި އިގްތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރު ކުރުމަށް، ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތް ކުރާއިރު މި ސިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާ އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް ރާއްޖޭގެ އެކި ރަށްރަށުން މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ބީލަމަށް ހުޅުވާލައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
"...އަދި މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ،" ރައީސް ވިދާޅުވިއެވެ.
އިގްތިސާދީ ސިނާއަތްތައް ފުޅާކުރާއިރު އެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ވިޔަފާރިތައް ސަލާމަތް ކުރުމަށް ބޮޑު އެހީއެއް
ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ކޮވިޑްގެ ސަބަބުން ހުއްޓުނު ވިޔަފާރިތައް ސަލާމަތް ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ ގޮތުން ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާ އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް ހަ މަސްދުވަސް ފަސްކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގެ ތެރެއިން ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު. މިއީވެސް ވަރަށް ގިނަ ބަޔަކު ހިއްސާވާ އަދި ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވާތީ ކޮވިޑްގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ,"
ރައީސް ވިދާޅުވީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދިވެހިންގެ އެތައް ވަޒީފާއެއް ސަލާމަތް ކުރެވުނު ކަމަށާ ކުދި އަދި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުސަތު ލިބުނު ކަމަށެވެ. އަދި އާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބިގެން ކަމަށް ވިދާޅުވިއެވެ.
"އެ ހާލަތުން އަރައިގަތުމަށް، ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށްވެސް ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރު އަޅުގަނޑުމެންނަށް ފެނުނު. އަޅުގަނޑުމެންގެ ވިސްނުމަކަށްވީ މި ވިޔަފާރިތައް ހަލާކުނުވެ ހިފަހައްޓައިދިނުން. ވަޒީފާއަށް އަސަރުކުރި މީހުންނަށް ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުން. އާއިލާތަކަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން،"
ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ނިންމާފައި. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ކޮވިޑްގެ ސަބަބުން ރާއްޖެ ނާދެވި، 15 ގައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސް ދީފައިވާ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހައުސިން ލޯންތަކަށް ލުއި ދީ މަތީ ތައުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑައިލަދިނުމަކީ މި ހާލަތުގައި ސަރުކާރަށް ވެދެވުނު ބޮޑު އެހީތެރިކަމެއް ކަމަށް ވިދާޅުވިއެވެ.