ބޭރު ކުޅިވަރު

ރެއާލް މެޑްރިޑް ފުރުސަތު ނަގާލައިފި

Oct 5, 2015

އެތްލެޓިކޯ މެޑްރިޑާ 1-1އިން އެއްވަރުވެ ޓޭބަލުގެ ކުރިއަށް އަރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

ވާދަވެރި ބާސެލޯނާ އިއްޔެ ރޭ ސެވިއްޔާ އަތުން ބަލިވުމުގެ ފައިދާ ނަގައި ޓޭބަލުގެ ކުރިއަށް އަރަން ފުރުސަތު ލިބުނު ނަމަވެސް މެޑްރިޑުގެ ވާދަވެރި ދެ ޓީމުގެ މެޗުގައި އެތްލެޓިކޯ އަށް މޮޅުވާން ޕެނަލްޓީއެއް ވެސް ލިބުނެވެ.

އެކަމަކު އެންޓޯނިއޯ ގްރައިޒްމަން ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ކޭލާ ނަވާސް ދިފާއުކުރި އެވެ.

މި މެޗުގެ ނުވަ ވަނަ މިނިޓްގައި ލީޑް ނެގީ ކަރީމް ބެންޒެމާ ޖެހި ގޯލުން ރެއާލް މެޑްރިޑެވެ. ޕެނަލްޓީ ނާކާމިޔާބުވި ފަހުން އެތްލެޓިކޯ އަށް އެއްވަރުކޮށްދިނީ 84 ވަނަ މިނިޓްގައި ލޫސިއާނޯ ވިއެއްޓޯ އެވެ.

މެޗު އެއްވަރުވުމުން ރެއާލް އޮތީ ހަތް މެޗުން 15 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. މިއަދަދަށް ސެލްޓަވީގޯ އާއި ބާސެލޯނާ އަށް ވެސް ޕޮއިންޓް ލިބިފައިވެ އެވެ. ނަމަވެސް ލަނޑުގެ ތަފާތުން ހަތަރު ވަނަ ލިބެނީ ބާސެލޯނާ އަށެވެ. އެއްވަނާގައިވަނީ 16 ޕޮއިންޓާއެކު ވިޔަރެއާލެ އެވެ. ޓޭބަލުގެ އެއްވަނާގައި ތަފާތު ބޮޑުކުރަން އެ ޓީމަށް ލިބުނު ފުރުސަތު ގެއްލުނީ ރޭ ލެވަންޓޭ އަތުން 1-0 އިން ބަލިވުމުންނެވެ.