ބޭރު ކުޅިވަރު

އާސެނަލް، މެން ޔުނައިޓެޑް ލަދުގަންނުވާލައިފި

Oct 5, 2015

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ 3-0 އިން މޮޅުވެ، އާސެނަލްއިން މެންޗެސްޓާ ޔުނައިޓެޑް ލަދުގަންނުވާލައިފި އެވެ.

އެންމެ 72 ސިކުންތުގެ ތެރޭގައި އެލެކްސިސް ސަންޗޭޒް އާއި މެސުޓް އޮޒިލް ޖެހި ދެ ގޯލަށް ޔުނައިޓެޑަށް އެއްވެސް ރައްދެއް ނުދެވި އުޅެނިކޮށް މެޗުގެ ފުރަތަމަ 20 މިނިޓްތެރޭގައި ސަންޗޭޒް ތިން ވަނަ ލަނޑު ވައްދާލި އެވެ.

މި މޮޅާއެކު އާސެނަލް 16 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފައިވާއިރު ޔުނައިޓެޑަށް ވަނީ އެއްވަނަ އަށް އެރުމުގެ ފުރުސަތު ގެއްލި އާސެނަލް އަށްވުރެ ފަހަތަށް ވެއްޓިފަ އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މޮޅުވެވުނީ ޔުނައިޓެޑަށް ގޯލެއް ޖަހަން އެއްވެސް ފުރުސަތެއް ނުދީ އޭނާގެ ޓީމު ކުޅުމުން ކަމަށެވެ.

"އަހަރުމެން އެމީހުން ގޯލެއް ޖަހާނެ އެންމެ ފުރުސަތެއް ވެސް ނުދެން. އަހަރުމެން މެޗު ފަށައިގެން އެމީހުން ހައިރާންކޮށްލިން. (ކީޕަރު) ޕީޓަ ޗެކުން ފެށިގެން ގޮސް (އެންމެ ކުރީގައިހުރި ފޯވަޑް) ތިއޯ ވޮލްކޮޓާ ހަމައަށް އަހަރުމެން ދެއްކީ ދެވަނަ އެއްނެތް ކުޅުމެއް،" ވެންގާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ، ދެ ވަނަ ބުރަށް ކޮލިފައުވުމުގެ ބިރު ހީވެފައި އޮއްވައި ޕްރެމިއާ ލީގުގައި ރޭ ހޯދި ކާމިޔާބީއަށް ފަހު ވެންގާ ވަނީ ޓީމާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކައިފަ އެވެ.

"އަހަރެން ކޯޗުކޮށްދީފިން (އާސެނަލްގެ) ވަރަށް މޮޅެތި ޓީމުތަކަށް. އެއްވެސް ބަޔަކަށް 60 މެޗު އެއްފެންވަރެއްގައި ނުކުޅެވޭ. އަހަރުމެންނަކީ ވެސް އިންސާނުންކަން ގަބޫލުކުރަންޖެހޭނެ. އަހަރެން މިކުލަބުގައި ހުރެފިން 19 އަހަރު. އަހަންނަށް އެނގޭ ބޮޑު މެޗަކުން ބަލިވެއްޖެނަމަ ވަރަށް ވަރުގަދަ ރައްދެއްދޭން ބޭނުންވާނެކަން. މިއަދު މިފެނުނީ އެކަން. އަހަރުމެން މިހާރު މި އޮތީ ޓޭބަލުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީ އަށްވުރެ ދެ ޕޮއިންޓް ފަހަތުގައި. އަހަރެން އުއްމީދު ކުރަން މި ނަތީޖާގެ ސަބަބުން އަހަރުމެންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް،" ވެންގާ ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ މިއީ އޭނާގެ ޓީމު ދެއްކި އެންމެ ފީކަޅާ ކުޅުން ކަމަށެވެ.

"މެޗުގެ ފެށުން ވަރަށް ގޯސް. އެއްވެސް ގޮތަކަށް ވަރުގަދަ ކުޅުމެއް އަދި މޮޅުވާން އުޅުނުތަނެއް ނުފެނުނު. މިއީ ފުރަތަމަ ފަހަރު އަހަރެން އުއްމީދު ނުކުރާ ވަރުގެ ކުޅުމެއް އަހަރެންގެ ޓީމުގެ ފަރާތުން ފެނުނު. އަހަރުމެން މޮޅުވެއްޖެ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން. އަހަރެން ކުޅުންތެރިންނަށް ރެސްޓް ދިނިން. އެއީ އެމީހުން ވަރުބަލިވެފައި ތިބުމުން. ހޮނިހިދު ދުވަހުގެ ޓްރޭނިން އަކީ އާދައިގެ ޓްރޭނިންއެއް. އަހަރެން ހައިރާންވި މި ކުޅުން ފެނިފައި،" ވެންހާލް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑުގެ ކުޅުންތެރިން އާސެނަލް ކުޅެގަންނަން ވަރަށް ރަނގަޅަށް ހުސްޖާގަ ދިން ކަމަށެވެ.