އެމްޑީޕީ

ކައުންސިލް އިންތިހާބު: ނަންނެގި އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދު ހަތަކަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް އެމްޑީޕީގެ ހަތް ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުން ގެންދަނީ ކޮންމެ ހަފްތާއަކުވެސް ނަން ނަގާ ކެންޑިޑޭޓުންގެ މައުލޫމާތު ގެޒެޓް ކުރަމުންނެވެ.

މިހާތަނަށް 24 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ހަތް ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 15 ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓަކު ވަނީ މަރުވެފައެވެ. އެއީވެސް އެމްޑީޕީގެ ޓިކެޓް ލިބުނު ކެންޑިޑޭޓެވެ. މެއި މަހުގެ ކުރީކޮޅު މަރުވެފައިވަނީ ހދ. ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބުނު ހުސްނުބާން އަބްދުއްރަހުމާނެވެ.