ހަބަރު

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއަކު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ރޭގެ ވަގުތެއްގައި މަރުވެފައިވަނީ އީރާނުގެ ރައްޔިތެއް ކަމަށްވާ ރަހުމަތުﷲ ނަމަކަށް ކިޔާ 49 އަހަރުގެ މީހެއް ކަމަށެވެ. އޭނާ އަކީ ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ރަހުމަތުﷲ އަކީ ދިގު މުއްދަތެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި އޭނާ މަރުވީ އެ ބައްޔަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ގައިދީ މަރުވުމާއި ގުޅިގެން އެ ސާވިސްއިން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ވަނީ އަންގާފަ އެވެ.