ހަބަރު

ބޮޑުފިނޮޅުން ބިދޭސީން ބާލާތީ ކަންބޮޑުވުން ފާޅުކޮޑްފި

Jul 24, 2020

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީން އެ ރަށުން ބާލައި، އެ ރަށް ހަވާލު ކުރުމަށް އެ ރަށުގެ ވެރި ކުންފުނި، ސީލް މޯލްޑިވްސްއިން ފުލުހުން ކިބައިން އެދިފައިވާތީ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރު ޖަމިއްޔާއިން ކަންބޮޑުވެއްޖެ އެވެ.

އެ ޖަމިއްޔާއިން ވަނީ ބިދޭސީން މުވައްޒަފުންނަށް މުސާރަ ހޯދުމަށް ވަޒީފާއާބެހޭ ޓްރިބިއުނަލްއަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. އެ މައްސަލާގައި އެދިފައިވަނީ ހުރިހާ މުސާރައެއް ނަގައިދިނުމަށާއި އެމީހުންގެ ކެއުމާއި އެހެން ވެސް ހަރަދުތައް ހަމަޖެއްސުމަށް ރަށުގެ ކޮންޓްރެކްޓާ ކުންފުނި، އާރްއައިއެކްސް ކުންފުނީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ނަމަވެސް އެ އަމުރަށް އެދިފައިވަނިކޮށް ސީލް މޯލްޑިވްސް ކުންފުނިން އެ މުވައްޒަފުން އެ ރަށުން ބާލަން މަސައްކަތް ކުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ. ޒަރޫރީ ބޭނުމަކަށް އެ ރަށުން ފޭބި ހަތަރު ބިދޭސީއަކަށް އެ ރަށަށް އަލުން އެރުމުގެ ހުއްދަ ފުލުހުންނާއި ސީލް މޯލްޑިވްސްއިން ދީފައިނުވާކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންއާ ހަވާލުވާނެ ބަޔަކު ވަނީ ނުވެފަ އެވެ. އެކަން ފުލުހުން ވެސް ތަހުގީގުކުރަމުންދާއިރު މިހާތަނަށް ހައްލެއް ލިބިފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ސީލް މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން ކަށަވަރުކޮށް ދިން ގޮތުގައި އެ ކުންފުނިން މި މައްސަލަ ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ދެން ފުލުހުންނަށް އިތުރު ފުރުސަތު ދިނުމަށް އުޒުރުވެރިވާކަން އަންގާފަ އެވެ.

މިހާރު އެތަނުގައި ތިބި ބިދޭސީންއަށް ފެނާއި ކަރަންޓުގެ ހިދުމަތް ސީލް މޯލްޑިވްސް ކުންފުނިން ދެމުންދެ އެވެ. އެ ކުންފުނީގެ މުދަލަށް އެތައް ގެއްލުންތަކެއް ދީފައިވާ ބަޔަކަށް އެ ހިދުމަތްތައް ފޯރުކޮށްދެނީ އިންސާނިއްޔަތު ކަމަށްޓަަކައި ކަމަށާއި ނަމަވެސް މިއަދުގެ އިރުއޮއްސި ހައެއް ޖެހުމަށްފަހު އެ ހިދުމަތްތައް ކުންފުނިން ހުއްޓާލާނެކަން ވެސް ފުލުހަށް ވަނީ އަންގާފަ އެވެ.

ސީލް މޯލްޑިވްސްއިން ފުލުހުންނަށް އިތުރަށް އަންގާފައިވާ ގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖަހާއިރަށް ރަށް، އެ ކުންފުންޏާ ހަވާލުނުކޮށްފިނަމަ މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ޒިންމާ ދައުލަތުން އުފުލަން ޖެހޭނެ އެވެ. ނަމަވެސް މިއަދާ ހަމައަށް ރަށް ހަވާލުކޮށްފިނަމަ އެފަދަ ބަދަލެއް ހޯދުމަށް ދައުވާ ނުކުރާނެކަން ވެސް ވަނީ އަންގާފަ އެވެ.

އެ ރަށުގައި މިހާރު ތިބި ބިދޭސީންއަކީ ރަށުގެ ކޮންޓްރެކްޓާ ކުންފުނި، އާރްއައިއެކްސް ކުންފުނީގެ މުވައްޒަފުންނެވެ. އެކަމަށް އެ ކުންފުނިން ދެކޮޅު ހަދަމުންދިޔަ ނަމަވެސް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ)އިން ވަނީ އެއީ އެ ކުންފުނިން ދެމުންދާ ބައެއްކަން އެނގެން އޮތް ކަމަށް ބުނެފަ އެވެ. އަދި އެ މުވައްޒަފުންނާ ހަވާލުވެ، މުސާރަތައް ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.

ސީލް މޯލްޑިވްސްއިން ވަނީ މުވައްޒަފުންނާ އާރްއައިއެކްސްއިން ހަވާލުނުވާތީ ކޯޓަށް ވެސް ގޮސްފަ އެވެ. ކޯޓުން ވަނީ އެ ބިދޭސީންއާ ހަވާލުވެ އެ މީހުން ގެންދަން އާރްއައިއެކްސްއަށް އަންގާފަ އެވެ. ނަމަވެސް އެ އަމުރު ބަލައިގަންނަން ވެސް އެ ކުންފުނިން ވަނީ ދެކޮޅު ހަދާފަ އެވެ. އާރްއައިއެކްސް ކުންފުނިން ވަނީ އެ ކުންފުންޏާ ދެކޮޅަށް އަމުރު ނެރެނު ތުޅާދޫ ކޯޓުގެ މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ޖޭއެސްސީއިން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.