ހަބަރު

މެދުފަންތީގެ މީހުންނަށް ހުޅުމާލޭގައި އެޕާޓްމަންޓުތަކެއް ހަދަނީ

Jul 24, 2020
3

ހުޅުމާލޭގައި އެޕާޓްމަންޓް ބިލްޑިންގްތަކެއް ހެދުމަށްފަހު އެ ތަންތަން ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން އިއްޔެ އިއުލާންކޮށްފި އެވެ.

އެޗްޑީސީން އިއްޔެ އިއުލާން ކުރީ، "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން އެދޭ ކަމަށެވެ. މެދުފަންތީގެ މީހުންނަށް އަމާޒުކޮށް ހަދާ މި އެޕާޓްމަންޓުތައް ހެދުމަށް ބޭނުންވާ މީހުންގެ ޕްރޮޕޯސަލްް އަންނަ ސެޕްޓެމްބަރު 24 ގެ ކުރިން ހުށަހަޅަންޖެހެ އެވެ.

އަލަށް ހަދަން ނިންމާފައިވަނީ 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އިމާރާތެކެވެ. މި އިމާރާތްތައް ހުންނާނީ ހުޅުމާލޭގެ ޕްލެޓިނަމް ބިލްޑިންގް ކައިރި ސަރަހައްދުގަ އެވެ. ހަތަރު އިމާރާތުގެ ތެރެއިން 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ 12،294.10 އަކަފޫޓެވެ. ބާކީ ތިން އިމާރާތުގެ ބޮޑުމިނަކީ، 24،098.22 އަކަފޫޓާއި 30،047.97 އަކަފޫޓު އަދި 26،969.06 އަކަފޫޓު އެވެ.

އިއުލާނުގައި ބުނީ އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީތަކުން ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަންޖެހޭނެ ކަމަށެވެ. ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ އަގަކީ އެއްލައްކަ ޑޮލަރު ކަމަށް ބުންޏެވެ. އަދި މި ދުވަސްވަރަަކީ، ކޮވިޑް-19 ގެ ދުވަސްވަރު ކަމުން ޕާޓީތަކުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ މައުލޫމާތު ދޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި ރަޖިސްޓަރީ ކުރެވޭނީ އަންނަ އޮގަސްޓް މަހުގެ 13 ގެ ކުރިން ކަމަށެވެ.

މި ޕްރޮޕޯސަލް އަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 27 އެވެ. މައުލޫމާތު ސާފުކުރަން އީމެއިލް ކުރަން ޖެހޭނީ [email protected] އަށެވެ. އެ ކޯޕަރޭޝަނުން ބުނީ، މައުލޫމާތުތަކުގެ ޖަވާބުތައް އެ ކޯޕަރޭޝަނުގެ ވެބްސައިިޓަށް އަޕްލޯޑް ކުރާނެ ކަމަށެވެ.

ހުޅުމާލޭގައި މިހާރުވެސް ވަނީ އެޕާޓްމަންޓު ބިލްޑިންތަކެއް ހަދައި ވިއްކާފަ އެވެ.