ފަނޑިޔާރުންނަށް ބައި އަޅައިގެން ކޭސްތައް ނިންމަން އުޅުނު ވަކީލުންގެ ޖަޒުބާތު ބަންޑުން ނުވާންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސޯދު ވެއްޓެމުން ދަނީ ނާމާންކަން ބޮޑު ވަޅުގަނޑަކަށް ކަމަށް ވިދާޅުވެ ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ދުނިޔޭގެ ގައުމުތަކުން ސަލާމަތްތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް ރާއްޖެ އަދިވެސް ހިމެނިފައި ވަނީ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ފޮރިން މިނިސްޓަރު [އަބްދުﷲ ޝާހިދު] އަށް ބަރޯސާވެ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދަކޮށް، ވަޒީފާއަށް މީހުން އިތުރުކޮށް، ހެލްތް އިން 'އޮބިއަޅާ' ފޮރުވި ހަގީގަތް ދުނިޔެއަށް ފެނިއްޖެ. ފޮނިބައިސާ ކަނޑަމުން ހިނގުމަކުން ފަތުރުވެރިން ނާންނާނެ،" ސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށް ފާޑުވިދާޅުވަމުން މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ޖަމީލް ވިދާޅުވި އެވެ.
ޖަމީލްގެ އެ ވާހަަތަކަށް ރައްދު ދެއްވަމުން ކުރީގެ މެންބަރު އަމީތު ވިދާޅުވީ ފަނޑިޔާރުންނަށް ބައި އަޅައިގެން ކޭސްތައް ނިންމަން އުޅުނު ވަކީލުންގެ ޖަޒުބާތު ބަންޑުން ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.
"ފަނޑިޔާރުގެ ބަދަލުވެއްޖެ، ތިޔަ ފަޅަފަޅައިގެންދާ ޖަޒުބާތުތަކުގެ އަސްލަކީ ފަނޑިޔާރުގެއަށް އަތް ބޭނުމަށް އޮތް ހުރަސް ނޫން ބާ،" ޖަޕާނުގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރަކަށް ހަމަޖައްސަވާފައިވާ އަމީތު ސުވާލު ކުރެއްވިއެވެ.
އަމިތު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކޮށްފައިވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ.
ޖަމީލްއާ އަމީތުގެ ބޭބެ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއަކީ ކުރިން ވަރަށް ގާތް ދެ އެކުވެރިންނެވެ. މިފަހުން ޖަމީލް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ދައުލަތުން ހަރަދުކޮށްފައިވާ ގޮތާމެދު ޖަމީލް ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދަވާފައެވެ. އަދި ހެލްތް މިނިސްޓަރު އަމީން ހިމެނޭހެން ބައެއް ވަޒީރުންނާއި ސަރުކާރަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.