ލައިފްސްޓައިލް

މާސްކް ނާޅައިގެން ފްލައިޓުން ބާލައިފި

ކޮވިޑް-19ގެ ބިރުވެރި ކަމުގައި ދުނިޔޭގެ އެންމެން ކަހަލަ ގޮތަކަށް އުޅޭތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ބައެއް މީހުން މިހާރު މިބަލި ޖެހިދާނެތީ އެހާ ބިރުން އުޅޭހެނެއް ހިއެއް ނުވެ އެވެ. ފޭސް މާސްކް ނާޅާ އުޅޭ މީހުން ވެސް މިހާރު ވަރަށް ގިނައިން މަގުމަތިން ފެނެ އެވެ.

ނަމަވެސް ސިއްހީ އިދާރާތަކުން ދޭ ހުރިހާ އިރުޝާދެއް އަޑުއަހައި އެގޮތަށް ކަންތައް ކުރާ މީހުން ވެސް އުޅެ އެވެ. އެމެރިކާގެ އަންހެނަކު ފޭސް މާސްކް ނާޅާ ފްލައިޓަކަށް އެރުމުން އޭނާ އެ ފްލައިޓުން ބޭރު ކޮށްލީ މިގޮތަށް ސިއްހި އިރުޝާދުތަކަށް ބޯލަނބަން ބޭނުންވާ ބަޔަކު ގުޅިގެންނެވެ،

މި އަންހެންމީހާ ދަތުރުކުރި މަތިންދާބޯޓުން ދަތުރުކުރި ޖޯޑަން ސްލޭޑް ކިޔާ މީހަކު އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ މި ހާދިސާ ހިނގާފައިވަނީ ޖުލައި 19 ވަނަ ދުވަހު އެވެ. މި މަތިންދާބޯޓަކީ އެމެރިކާގެ އޮހައިއޯ އިން ނޯތު ކެރޮލައިނާ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ބޯޓެކެވެ.

އިނގިރޭސި ވިލާތު ނޫހަކުން ބުނި ގޮތުގައި މި މީހާ ބޯޑިން ގޭޓާ ހަމަޔަށް ދިޔަ އިރުވެސް ހުރީ ރުޅިއައިސް ވަރަށް ޒުވާބު ކުރާ މޫޑެއްގަ އެވެ. މަތިންދާބޯޓަށް ވެސް އޭނާ އެންމެ ފުރަތަމައިނުން އަރުވަން މި އަންހެންމީހާ ވަރަށް ޑިމާންޑްކޮށް އަޑުގަދަކޮށް ހެދި ކަމަށް ވެއެވެ.
ބޯޓަށް އަރާފައި ވެސް އެކި މީހުންނަށް ގުޅާ ފޯނުން ވާހަކަ ދައްކަމުން ގެންދިޔަ އެވެ. ފްލައިޓް އެޓެންޑެންޓް ތަކުރާރުކޮށް ފޯނު ނިއްވާލަން އެދުމުން ވެސް މި މީހާ އެގޮތަކަށް އަމަލެއް ނުކުރި އެވެ. ފްލައިޓް އެޓެންޑެންޓާއި އެ މީހާ އާ ދެމެދު ވެސް ވަރަށް މައްސަލަ ޖެހުނެވެ.

މި ވީޑިއޯ ޝެއާކުރި ނޯތު ކެރޮލައިނާގެ ސްލޭޑް ބުނީ ފޭސް މާސްކް ނާޅާ އިނީ ސިއްހީ މައްސަލައަކާ ހެދި ކަމަށް އަންހެންމީހާ ބުނި ކަމަށެވެ. ނަމަވެސް ފެސެންޖަރުން މައްސަލަ ޖައްސާތީ އެ މީހާ އެންމެ ފަހުން ބޯޓުން ބޭލުވީ އެވެ. އޭނާ ފައިބަން ފެށުމުން ދެން ތިބި އެންމެން އަތްތިލަބަޑިޖަހާ އުފަލުން އުޅޭތަން ވެސް ވީޑިއޯގައި ފެނެ އެވެ. އަދި އަންހެންމީހާ ވަރަށް ރުޅިއައިސްގެން ބޯޓުން ފައިބާ ތަން ވެސް ފެނެ އެވެ.

ވަރަށް ބަރު ތިން ދަބަސް ހިފައިގެން ހުރި މި މީހާ ފްލައިޓުން ފައިބާލެއް ލަސްވެގެން ވެސް ބައެއް ފަސިންޖަރުން މި މީހާއަށް އަވަސް ކުރާށޭ ކިޔާފަ ވެސް ހަޅޭއްލެވި ކަމަށް ވެއެވެ.