ހަބަރު

މި ސަރުކާރާއެކު މިނިވަންކަން މި އޮތީ ނުރައްކަލެއްގައި: ޑރ. މުނައްވަރު

އެމްޑީޕީ އިސްވެ އުފައްދާފައި އޮތް މި ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަން އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު 55 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ޑރ. މުނައްވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ވަރަށް ހިތާމަވެރި މިނިވަން ދުވަހެއް ކަމަށެވެ.

"މިއީ ހިތާމަވެރި ޖުލައި 26 އެއް، މި ނާގާބިލް ސަރުކާރުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން އޮތީ ނުރައްކަލެއްގައި، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގްލާލައި، ދައުލަތެއްގެ ގޮތުގައި އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ދިފާއު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ ޖެހޭ،" ޑރ. މުނައްވަރުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

ޑރ. މުނައްވަރު ސިޔާސީ ކަންކަމުގައި ދުރުގައި އުޅުއްވާ ދުވަސްތަކެއް ފަހުން، މި ސަރުކާރަށް މިހާ ފާޅުގައި ވަރަށް ބޮޑަށް ފާޅުވިދާޅުވެ ޓްވީޓު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަޖިލީހުގެ ތެރެއިން ކުރަމުން ދިޔަ މަސައްކަތަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރެއްވި އެވެ.

އެމްޑީޕީގެ ރައީސް ކަން ކުރެއްވި ޑރ. މުނައްވަރު ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެ ޕާޓީގެ ކެންޑިޑޭޓު ކަނޑައަޅަން ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ވާދަކުރައްވި އެވެ. އެ ފަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ނާކާމިޔާބުވި އެވެ. އޭގެ ފަހުން ސިޔާސީ ކަންކަމުގައި ވަރަށް ނޫޅުއްވަ އެވެ.