ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބެންގަލޫރުން ކޮވިޑް ޖެހުނު 3،000 ވުރެ ގިނަ މީހުން ފިލައިފި

އިންޑިޔާގެ ބެންގަލޫރޫ އަކީ ދާދިފަހާ ޖެހެންދެން އެ ގައުމުގައި އެންމެ މަދުން ކޮވިޑް-19 ކޭސްތައް ފެންނަމުން ދިޔަ ރަށެވެ. ނަމަވެސް މިހާރު ބެންގަލޫރޫގައި ކޮވިޑް-19 ބަލިމީހުން ކުއްލިއަކަށް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

ސަބަބަކަށް ވެފައިވަނީ އެ ރަށުން ބަލި ޖެހުނު 3،338 މީހަކު ވީނުވީ ތަނެއް ނޭނގުމެވެ. ކަމާ ބެހޭ އިދާރާތަކަށް މި މީހުން ވީ ތަނެއް އެއްގޮތަކަށް ވެސް ނޭގުމަކީ ބަލި އިތުރަށް ބާރަށް ފެތުރެން މެދުވެރިވެފައިވާ ސަބަބެކެވެ.

މި މީހުން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އަދިވެސް އެހާ ގިނަ މީހުން ހޯދިފައި ނުވާ ކަމަށް ސިއްހީ އިދާރާތަކުން ވަނީ ބުނެފަ އެވެ.

"ޕޮޒިޓިވް ވީ ބައެއް މީހުން ފުލުހުންގެ އެހީތެރިކަމާއެކު ހޯދައިފިން. ނަމަވެސް 3،338 މީހުން އަދިވެސް ވީނުވީތަނެއް ނޭނގިގެން މިއުޅެނީ. ބައެއް މީހުން ސާމްޕަލް ދިން ގަޑީގައި ނުބައި ފޯންނަންބަރާއި އެޑްރެސް ދީފައި ހުރީ. އަދި ޕޮޒިޓިވް ނަތީޖާ ލިބުމާއެކު އެ މީހުން ފިލައިފި،" ބެންގަލޫރުގައި ބަލި ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާ ޓީމުގެ އިސް އޮފިޝަލަކު އެންޑީޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވި އެވެ.

ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ޕޮޒިޓިވްވީ މީހުން ދާ ތަންތަނާއި ހަރަކާތްތައް ހުރި ގޮތް ހޯދޭނެ އެއްވެސް ގޮތެއް މިވަގުތަކު އެމީހުންގެ އަތަކު ނެތެވެ. އަދި އެ މީހުންގެ ތެރެއިން އަމިއްލައަށް ކަރަންޓީނު ވެގެން ތިބީ ކިތައް މީހުން ކަމެއް އަދި އާއްމުންގެ ތެރެއަށް ނުކުމެ އުޅެނީ ކިތައް މީހުން ކަމެއް ޔަގީން ނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ކަރްނާޓަކާ ސްޓޭޓުން ޕޮޒިޓިވްވީ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ބެންގަލޫރުގެ މީހުންނެވެ. ދެކުނު އިންޑިޔާގެ ސްޓޭޓްތަކުގެ ތެރެއިން ވެސް ބެންގަލޫރޫ މިހާރު ވެފައިވަނީ ކޮރޮނާވައިރަސް ހޮޓްސްޕޮޓް އަކަށެވެ. މިދިޔަ ހޮނިހިރު ދުވަހު ވެސް 2000 އަށް ވުރެ ގިނަ މީހުން ބެންގަލޫރޫ އިން ޕޮޒިޓިވް ވެފައި ވެއެވެ. އަދި މިހާރު 31،882 މީހުން އެކްޓިވް ކޭސްތަކުގެ ގޮތުގައި ރެކޯޑް ކުރެވިފައި ވެއެވެ.