ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޭސްތައް އިތުރުވުމުން އެޗްޕީއޭގެ ގިނަ ކަންބޮޑުވުންތަކެއް

Jul 27, 2020
2

ފާއިތުވި ދެ ދުވަހުގެ ތެރޭގައި، ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެ 50 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ކުރީ ދުވަހުގެ އަދަދު ހުރީ 77 ގަ އެވެ. މިއީ ލޮކްޑައުން އުވާލި ފަހުން އަލަށް ބަލި ޖެހުނު މީހުންގެ ރެކޯޑެކެވެ.

ރޭ އެޗްއީއޯސީން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމިލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުނާ ސީދާ ބައްދަލުވެފައިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

"މިހާރުގެ ހާލަތަށް ބަލައިފި ނަމަ، އަޅުގަނޑުމެންނަށް ބުނެވޭނެ، މިހާރުގެ ހާލަތުން ދިވެހިން އެބަ ޖެހޭ ތަންކޮޅެއް ބޮޑަށް ސަމާލުވެ އަޅުގަނޑުމެން ދޭ އިރުޝާދުތަކަށް، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވާން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ ރާއްޖޭގައި މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ހިމެނޭ ދިވެހިންގެ ނިސްބަތް ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވި އިރު، އޮތް ހާލަތާ ހަމައަށް އަރާފައިވާ ކަމަށެވެ. އަދި ލުއިތައް ދިން ފަހުން ބަލީގެ އަލާމާތްތައް ފެންނަ މީހުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ބަލިޖެހޭ ދިވެހިންގެ ނިސްބަތް ރިކޯޑް މިންވަރަކަށް އިތުރުވެ މިހާރު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވަނީ އިތުރު ކަންބޮޑުވުމެއްވެސް ފާޅު ކުރައްވައިފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކޮންޓެކްޓް ޓްރޭސިންގައި ސައްހަ މައުލޫމާތު ނުދޭކަން އަނެއްކާވެސް ފާހަގަ ކުރެވެމުންދާ ކަމަށެވެ.

"ފާހަގަ ކުރެވޭ އެންމެ ރަނގަޅު މައުލޫމާތު ނުދެއްވާ ކަން. ބައެއް ފަހަރު އަޅުގަނޑުމެންނަށް ނުވެސް އިނގޭނެ ރަނގަޅު މައުލޫމާތު ނުދެއްވާކަން ވެސް. އެކަމަކު ފަހުން އިތުރު ޕޮޒިޓިވް ކޭސެސް އައިމަ ދެން ބަލާލާއިރު މި އިނގެނީ ކުރީގެ ޕޮޒިޓިވްވި ކޭސްއާ ކޮންމެވެސް ވަރަކަށް ލިންކްވާ ފަރާތެއް ކަން." ނަޒްލާ ވިދާޅުވި އެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3،302 އަށް އަރާފަ އެވެ. އެ ބަލިން ގިނަ ބަޔަކު މިހާރު ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާގައި ތިބީ 738 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފަ އެވެ.