މާލޭގައި ހޯމް ކަރަންޓީން ކުރުމަށް ފަހު ދޫކޮށްލުމުގެ ކުރިން ހަދާ ޓެސްޓުގެ ސާމްޕަލް ނެގުން މިއަދުން ފެށިގެން މާފަންނު މަދުރަސާ އިން ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.
ގޭގައި ކަރަންޓީން ކުރުމަށް ފަހު ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ދެވަނަ ޓެސްޓު ހަދަ އެވެ. އެގޮތުން، ދެވަނަ ޓެސްޓުގެ ސާމްޕަލްތައް މީގެ ކުރިން ނަގަނީ އެ މީހަކު ދިރިއުޅޭ ތަނަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގޮހެވެ.
ނަމަވެސް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ ހޯމް ކަރަންޓީނުން ދޫކުރުމުގެ ކުރިން ސާމްޕަލް ނަގަން ދެން ނުދާނެ ކަމަށާއި މިއަދުން ފެށިގެން އެ ސާމްޕަލް ނަގަން އަމިއްލައަށް މާފަންނު މަދުރަސާއަށް ދާންޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން، މިއަދުން ފެށިގެން ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް މާފަންނު މަދަރުސާގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސާމްޕަލް ނަގަން ދާން އެޗްއީއޯސީން ފޯން ނުވަތަ އެސްއެމްއެސް އިން އަންގާނެ އެވެ.
"މިހެން ވަޑައިގަންނަވާ އިރު ވަރަށް މުހިންމު ކަމެއް އެއްވެސް ވަރަކަށް ޓެކްސީ ނުވަތަ ޕަބްލިކް ޓްރާސްޕޯޓް ބޭނުން ނުކުރެއްވުން، ހިންގަވާފަ ނޫނީ ސައިކަލުގަ ވަޑައިގެންނެވުމަކީ ވަރަށް މުހިންމު ކަމެއް،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސާމްޕަލް ނަގަން ބޭރަށް ނުކުމެވުނަސް ނަތީޖާ ލިބުމުގެ ކުރިން މީހާއަށް ރިލީޒް ނުލިބޭނެ ކަމަށާއި، ނަތީޖާ ލިބެންދެން ހޯމް ކަރަންޓީންގައި މަޑުކުރަން ޖެހޭނެ ކަމަށެވެ.
އެގޮތަށް އުސޫލު ބަދަލު ކުރި ނަމަވެސް، ބަލީގެ އަލާމާތްތައް ހުރި ގޮތުން ނުވަތަ އުމުރުން ދުވަސްވެ، ތެދުވެ ނޫޅެވޭ މީހެއްގެ ސާމްޕަލް ނަގަން އެޗްޕީއޭ އިން ދާނެކަމަށް ނަޒްލާ ވިދާޅުވި އެވެ.