ހަބަރު

ރައީސްގެ މަޝްވަރާގެ ދައުވަތާ މެދު ސުވާލު އުފެދޭ: ޝުޖާއު

ސިޔާސީ ވާދަވެރި ޕާޓީތަކުން ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތާ މެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ވާދަވެރި ޕާޓީތަކަށް ރައީސް އެ ގޮތަށް ދައުވަތު ދެއްވީ، ރާއްޖޭގެ 55 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބް ކުރައްވަމުން ރައީސް ސޯލިހް އިއްޔެ ދެއްވި ހިތާބްގަ އެވެ.

ރައީސް ސޯލިހް އިއްޔެ ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެ ކަމުގެ ސަބަބުން ގެއްލުން ލިބެމުން ދަނީ ހުރީހާ ރައްޔިތުންނާއި މުޅި ގައުމަށް ކަމަށެވެ. އެހެންކަމުން ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ކުރަން އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރައީސް ސޯލިހްގެ އެ ދައުވަތާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ދައުވަތު ދޭން ވާނީ ރަސްމީކޮށް ސިޓީއަކުން ކަމަށާއި މީޑިއާ ހިތާބަކުން ނޫން ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުގައި އަމަލުކޮށްފައިވަނީ ވެސް އެ ގޮތުގެ މަތިން ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާއަށް ދާންވީ ދެމަފިރިން ދަރިފުޅު ގޮވައިގެން މުލިއާގެ ދޮށަށް ސަލާން ޖަހަން ދިޔަ ގޮތަށްތޯ؟ ތިޔަ ނިޔަތާ މެދު ސުވާލު އުފުދޭ،" މިދިޔަ ހޮނިރިރު ދުވަހު ހަތް މަހުގެ ތުއްތު ކުއްޖަކު ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމުގައި ދަތިތަކެއް ދިމާވެގެން މުލިއާގެ ކައިރީ ތިބި ތިބުމަށް އިޝާރާތް ކުރައްވަމުން ޝުޖާއު ސުވާލު އުފެއްދެވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ވެސް ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަން ފަށާނެ ކަމަށް ބުނުމުން އޭރު އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ އިންތިހާބަކީ ސިޔާސީ ކަމަކަށް ވާތީ، އެފަދަ މަޝްވަރާއެއްގައި ބައިވެރިވާނީ މާފުށީ ޖަލުގައި ހުންނެވި އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުންނެވެ.