މާރިޔާ އަހުމަދު ދީދީ

މިނިވަން ކަމަށް ބުރޫ އަރާނެ ކަމެއް ނުކުރާނެ: މާރިޔާ

ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާނެ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން މާރިޔާ ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ގޮތަށް ބޭރު ބަޔަކަށް ރާއްޖެ ވިއްކާލުން ފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށާއި އެއީ ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ، ލޮޅުމެއް އަންނާނެ ކަހަލަ ކުޑަ ކަމެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގެ ފަރާތުން ނުކުރާނެ، އެ ކަމުގެ ޔަގީންކަން އަރުވަން،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ، ލޮޅުމެއް އަންނާނެ ކަހަލަ ކުޑަ ކަމެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގެ ފަރާތުން ނުކުރާނެ، އެ ކަމުގެ ޔަގީންކަން އަރުވަން،
މާރިއާ އަހުމަދު ދީދީ | ޑިފެންސް މިނިސްޓަރު

ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ވެސް އެކަމަނާ ދޮގު ކުރެއްވި އެވެ. ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއް އަސްކަރީ މަރުކަޒެއް އަޅަން ނޫޅޭ ކަމަށާއި އެފަދަ ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

"އެއްވެސް ގައުމެއްގެ އަސްކަރީ ސަރަހައްދެއް މި ގައުމުގަ ހަދާކަށް ނޫޅެ، ބަޔަކު ނުވެސް އުޅޭ މިތާ ގާއިމް ކުރާކަށް ވެސް، އަޅުގަނޑުމެން ވެސް އެކަހަލަ ވާހަކައެއް ނުދައްކަން. އެ ކަހަލަ ކަމެއް ނުވެސް ހިނގާނެ." މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކޮށްފާނެ ހާލަތްތަކަށް ދިވެހި އަސްކަރިއްޔާ ތައްޔާރަށް އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ވިދާޅުވީ ރާއްޖޭގެ ޑިޕްލޮމަސީ ވަރުގަދަކޮށް ގައުމުތަކާ ގުޅުން ބަދަހިވާން ކުރާ މަސައްކަތްތަކުގެ ސަބަބުން ވެސް ބޭރުން އައިސްދާނެ ހަމަލާތަކަކަށް ދިފާއު ވެވޭނެ ކަމަށެވެ.

ރާާއްޖޭގައި މި ވަގުތު ބޮޑުވެފައިވާ ބިދޭސީންގެ ހަމަނުޖެހުމުގެ މައްސަލައަށާއި ކަންކަމުގައި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލައަށް ވެސް މާރިޔާ އަލިއަޅުވައިލެއްވި އެވެ. އެކަމަނާ ވިދާޅުވީ އެފަދަ ކަންކަމަށް ފުރުސަތު ނުދެވޭނެ ކަމަށާއި އެ މައްސަލަތައް ބަލައި އެއިން ދިފާއު ވާން ކުރަން ޖެހޭ ކުރައްވާ ކަމަށެވެ.

މި ސަރުކާރުން ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިިއިރު، ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް އަޅަން އުޅޭ ކަމަށާއި އިންޑިއާއާ މި ސަރުކާރާ ގުޅުވައި ގިނަ ވާހަކަތަކެއް ދެކެވެމުން ދެ އެވެ. މީގެ ކުރިން ވެސް ސަރުކާރުން މިފަދަ ވާހަކަތައް ދޮގުކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބޭކަން އެންމެނަށް އެނގެ އެވެ.

މި ސަރުކާރާއި އިންޑިއާއާ ގުޅުވައި ގިނަ ވާހަކަތަކެއް ދެކެވޭއިރު، ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމަކީ ވެސް އިންޑިއާ އެވެ.