އިދިކޮޅު ފަރާތްތައް

އިދިކޮޅު މުޒާހަރާއާ ގުޅިގެން ނިމާލް އާއި މުހައްމަދު ފުލުހަށް

އިދިކޮޅުން ރޭ ބޭއްވި މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް، ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

އެ ދެ ބޭފުޅުންނަށް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ 3:00 ގައެވެ

ފުލުހުން ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުކުރަނީ އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް އެއްވެ، ގާނޫނީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލައި، އުޅުމުގެ ގާނޫނާއި ހިލާފަށް އަމަލުކުރުމަށް އާންމުންނަށް ހިތްވަރުދީ އެނގިހުރެ ގާނޫނުގެ ބާރު ހިންގުމަށް ހުރަސްއަޅާފައިވާތީ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރި މުޒާހަރާގައި އެންމެ އިސް ފަހުގައި މުހައްމަދު އިސްމާއީލް އަދި މުހައްމަދު ނިމާލް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ދެ ޕާޓީގެ މަޖިލީސް މެންބަރުންނާއި ޕީޕީއެމް، ޕީއެންސީގެ އިސް ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ. ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވިއެވެ.

މުޒާހަރާގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގުގައި އަޑުއުފުލަމުން ހިނގާލާފައެވެ. އަދި ޕީޕީއެމް އޮފީސް ކުރިމަތީ ސަރުކާރާ ދެކޮޅަށް އަޑުއުފުލިއެވެ. އެއްވުމަށް ފުލުހުން ވަނީ ހުރަސްވެސް އަޅާފައެވެ.