ދުނިޔެ

މެލޭޝިއާ ބޮޑު ހިޔާނާތާގުޅޭ ހަތް ދައުވާއެއް ނަޖީބުގެ މައްޗަށް ސާބިތުވެއްޖެ

Jul 28, 2020

ކުއަލަ ލަމްޕޫރު (ޖުލައި 28) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ، ވަންއެމްޑީބީގެ އެތަކެއް މިލިއަން ޑޮލަރެއްގެ ހިޔާނާތާ ގުޅިގެން މިހާތަނަށް އުފުލާފައިވާ ހަތް ދައުވާވެސް ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފި އެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 681 މިލިއަން ޑޮލަރު ޖަމާކުރިކަމުގެ ތުހުމަތު އޭނާއަށް ވަނީ ކޮށްފަ އެވެ.

ނަޖީބުގެ މައްޗަށް ގިނަ ޖިނާއީ ތަހުގީގުތަކެއް ކުރެވެމުންދާ ނަމަވެސް، ހިޔާނާތުގެ މައްސަލާގައި އަދި ކޮށްފައިވަނީ ހަތް ދައުވާއެކެވެ. މިއީ ނަޖީބުގެ އަމިއްލަ ބޭންކް އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކުރުމާއި ގުޅިގެން އުފުލާފައިވާ ދައުވާތަކެވެ. އެގޮތުން، މަނީ ލޯންޑަރިންގެ ތިން ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ އިތުރު ދައުވާތަކެއް ވެސް ވަނީ އުފުލައިފަ އެވެ. އެ ހުރިހާ ދައުވަތާކަށް ނަޖީބު ވަނީ އިންކާރުކުރައްވައިފަ އެވެ.

ނަމަވެސް، ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް، އެ ދައުވާތައް ނަޖީބުގެ މައްޗަށް އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެއިން ކޮންމެ ދައުވާއަކަށް 15 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވީ ނަމަވެސް، އިސްތިއުނާފުގެ ހުރިހާ މަރުހަލާތައް ނިމެންދެން، ނަޖީބު ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާނެކަމަށް ނުބެލެވެ އެވެ.

ހުކުމުގެ ކުރިން ވެސް، ދައުވާތައް ސާބިތުވެއްޖެނަމަ، އިސްތިއުނާފަށް ހުށަހަޅުއްވާނެކަމަށް ނަޖީބު ވަނީ ވިދާޅުވެފަ އެވެ.