އަހުމަދު ޝިޔާމް

ހިޔާނާތުގެ ތަހުގީގުގެ ނަމުގައި އުޅެނީ ބިރު ދައްކަން: ޝިޔާމް

އެސެޓް ރެކަވަރީ ކޮމިޝަންއެއް އުފައްދައިގެން އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގުގެ ނަމުގައި ކުރަމުންދާ މަސައްކަތަކީ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުންނަށް ބިރު ދެއްކުމުގެ މަސައްކަތް ކަމަށާއި ހިޔާނާތް ތަހުގީގު ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރެވެމުންދާ މިންވަރު މާ ބޮޑަށް ލަސް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދަނީ އިންސާފުވެރިކަމާ އެކުގައި ވެސް ނޫން ކަމަށެވެ. އިންސާފުވެރިކަމާއެކު ތަހުގީގު ގެންދިއުމަށާއި އަވަސް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުންދާ ވަރު މާ ލަސް. ބާރަށް ތަހުގީގުކޮށްގެން އިންސާފުވެރި ކަމާ އެކީގައި އެ ތަހުގީގު ގެންދާށޭ. ރަނގަޅަށް ތަހުގީގު ކޮށްފިނަމަ އިބްރާހިމް މުހައްމަދު ސޯލިހް ނުހުންނާނެ ވެރިކަމަކު." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވާހަކަ ދައްކަވަމުން އެސެޓް ރެކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަސްއަދު ކޮމިޝަންގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ހިޔާނާތް ތަހުގީގު ކުރުމަށް ނޫން ކަމަށް ވިދާޅުވި އެވެ. މަސައްކަތް ކުރައްވަނީ އިދިކޮޅު ކޯލިޝަންގެ މެންބަރުންނަށް ބިރު ދެއްކުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސެޓް ކޮމިޝަންގެ ރައީސް، އަޅުގަނޑުމެން ބިރު ދައްކަން އެމްއެމްޕީއާރުސީގެ ވާހަކަ ދައްކަނީ. ވާދަވެރި ސިޔާސީ ޕާޓީގައި ހަރަކާތްތެރިކަމާއެކީގައި މަސައްކަތް ކުރައްވާ ބޭފުޅުން ބިރު ގަންނަވަން އެސެޓް ކޮމިޝަންގެ ރައީސް މި އުޅުއްވަނީ." ޝިޔާމް ވިދާޅުވި އެވެ.

ރެކަވަރީ ކޮމިޝަންގެ ރައީސް އަސްހަދުއަށް ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރަކަށް އަސްހަދު ހުންނެވިއިރު ކީރިތި ގުރްއާން ޗާޕް ކުރަން ހަވާލުކުރުމުގައާއި، ކުންފުނިތައް އުފެއްދި ކެޕިޓަލް ހަރަދުތަކަކަށް ހިޔާނާތްވެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިވަރުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ބޭފުޅަކު ހުންނަވައިގެން ހިޔާނާތުގެ ތަހުގީގު އިންސާފުވެރިކަމާއެކު ބެލޭނެތޯ ވެސް ޝިޔާމް ސުވާލު އުފެއްދެވި އެވެ.

"އެސެޓް ކޮމިޝަންގެ ރައީސްއަށް ލާފައި މި ހުރީ ކޮންފަދަ ބޮޑެތި ވައްކަންތަކުގެ ތުހުމަތު ކުރެވިފައި ހުރި ބޭފުޅެއްބާއޭ. ކޮން ނަޒާހަތްތެރި ކަމެއް އެ ބޭފުޅެއްގައި އޮންނާނީ." ޝިޔާމް ސުވާލު އުފެއްދެވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ގެނައި ލޮކްޑައުންގެ ތެރެއިން މި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ ކަންކަން ނުބަލާ ކަމަށެވެ. އެސެޓް ރެކަވަރީ ކޮމިޝަނުން އެ ކަން ބަލަން ގޮވާލެއްވި އެވެ. އަދި އެއީ ދިވެހި ތާރީހު ދުށް އެންމެ ބޮޑު ހިޔާނާތް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ނިކަމެތިކޮށްފަ، ދިވެހި ރައްޔިތުން ބިކަކޮށްފަ، އިގްތިސާދު ދަށްވެފައިވަނިކޮށް ވައްކަން ކުރަމުން އެ ދަނީ. މިއަދު އެންމެ ބޮޑު އަނިޔާއެއް ލިބެމުން ދަނީ ދިވެހި ރައްޔިތުންނަށް. މި ސަރުކާރަށް އޮތް އުއްމީދު ކުޑަވެފައި މި ވަނީ." ޝިޔާމް ވިދާޅވި އެވެ.

މި ސަރުކާރުގެ އިސް ބޭފުޅުން ހިންގަން މަސައްކަތް ކުރާ ކަންކަމާ ދެކޮޅަށް އަޑުއުފުލާތީ ކިތަންމެ ބިރެއް ދެއްކިޔަސް އަދި ޖަލަށް ދާން ޖެހުނަސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތެއް ހުއްޓައެއް ނުލާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މިނިވަން ދުވަހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން ބައެއް މީހުން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާތީ ޝީޔާމް ވަނީ އެ ކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.