ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނާ ބައްދަލުވާން ފުރުސަތު ނުދޭތީ ވަކީލުންގެ ކަންބޮޑުވުން

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންނަށް އެ މަނިކުފާނާ ސީދާ ބައްދަލު ވުމުގެ ހުއްދަ ނުލިބޭތީ އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާނެއް ނެރެފި އެވެ. ރައީސް ޔާމީން ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކަމަށް ބަޔާންކޮށް މިދިއަ މާޗު މަހުގެ ފަހު ކޮޅުން ފެށިގެން ރައީސް ޔާމީނަށް ގަނޫނީ ވަކީލުންނާ ބައްދަލުކޮށް އެހީތެރިކަން ހޯއްދެވުމުގެ ފުރުސަތު ކަރެކްޝަނުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައިގެ މި މަހުގެ އަށްވަނަ ދުވަހު ހައި ކޯޓުގައި އަޑުއެހުމެއް ބޭއްވިއިރު، އެ އަޑުއެހުމުގައި ވެސް އެމަނިކުފާނަށް ގާނޫނީ ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު ލިބި ވަޑައި ނުގަންނަވާތީ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.

ވަކީލުންނާއި ސީދާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާތީ ރައީސް ޔާމީން ހައި ކޯޓަށް އެ ދުވަހު ހުށަހެޅުއްވުމުން ހައި ކޯޓުގެ އެ ދުވަހުގެ އަޑުއެހުން ނިންމާލީ ވެސް އެމަނިކުފާނަށް އެ ފުރުސަތު ދިނުމަށް ދައުލަތަށް އަންގަވަމުން ކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

އެ އަޑުއެހުން ނިމުނު ފަހުން، ރައީސް ޔާމީނަށް ސީދާކޮށް ބައްދަލު ކުރެވޭނެ ކަން ބަޔާންކޮށް ކަރެކްޝަނުން ވަކީލުންނަށް ސިޓީއެއް ވެސް ފޮނުވި ކަމަށާއި ނަމަވެސް އޭގެ ފަހުން އެމަނިކުފާނާ ބައްދަލު ކުރަން ވެގެން ފޯމު ހުށަހަޅަން ދިއުމުން އެ ފޯމު ބަލައި ނުގަނެ ބައްދަލުވުން ހަމަޖައްސައިދީފައިނުވާ ކަމަށެވެ.

ހައި ކޯޓުން ވެސް އަންގާފައިވާ ގޮތަށް، އަދި ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދީފައިވާ ވަކީލުންގެ ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގު ރައީސް ޔާމީނަށް ވެސް ލިބިދޭ ގޮތަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދީ، އެމަނިކުފާނުގެ އެ ހައްގަށް ހުރަސް ނޭޅުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ވަކީލު ބައްދަލުވުމުގެ އިތުރުން ރައީސް ޔާމީނަށް ހަބަރު ފަތުރާ ވަސީލަތްތައް ލިބުމުގެ ފުރުސަތު ވެސް މިހާރު ހުއްޓާލާފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށް ސްޕެޝަލް ޕްރޮޓެކްޝަން ދޭން ޖެހޭ ގައިދީންނާއި ބަންދު މީހުނާ މެދު އަމަލު ކުރަންވީ ގޮތުގެ އާންމު އުސޫލުގައިވާ ގޮތުން އެ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދޭން ޖެހޭ ކަމަށް ބުނެފައި ވެއެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި ކަމަށް ތުހުމަތު ކުރި މައްސަލަ ސާބިތު ކުރުމަށް ފަހު އެވެ. އިދިކޮޅު ޕީޕީއެމް / ޕީއެންސީ އާއި ރައީސް ޔާމީންގއެ ސަޕޯޓަރުން ދެކެނީ އެއީ ބޭއިންސާފު ހުކުމެެއް ކަމަށެވެ.