ހަބަރު

"ބައްދަލުވުން ނުބޭއްވެނީ ވަކީލުން ބޭނުން ނުވާތީ"

Aug 17, 2020
2

މަނީ ލޯންޑަރިންގެ ކުށުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އަމުރެއް ނެރެފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ފަހުން އުފުލާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވަނީ، ވަކީލުންގެ ބައްދަލުވުންތަކަށް ފުރުސަތު ނުދީ އަޑުއެހުން ބާއްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން އެ މަނިކުފާނުގެ ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަލަށް އައި ދައުވާތަކާއި އަދި އެ މަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގައި ވެސް މިހާތަނަށް ވަކީލުންނާއި ބައްދަލުވެފައި ނުވާ ކަމަށެވެ. އަދި އެތައް ފަހަރަކު ވަކީލު ބައްދަލުވުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފޯމު ހުށަހެޅި ކަމަށާއި ނަމަވެސް އެ ފޯމު ބަލައި ނުގަތް ކަމަށް ވެސް ޖަމީލު ފާހަގަ ކުރެއްވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ވަކީލުންގެ ބައްދަލުވުމަކަށް ފުރުސަތު ދިނުމަށް ކަރެކްޝަންގެ މައްޗަށް އަމުރެއް ނެރެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެފަދަ އަމުރެއް އަދި މިހާތަނަށް ނެރެފައިނުވި ނަމަވެސް، ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުވުމެއް ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ ފަރާތުން "ލައްކަ" މަސައްކަތް ކުރެވިއްޖެ ކަމަށެވެ.

"ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަން ކުރައްވަން ވަކީލު ބޭނުންފުޅު ނުވާތީ،" އިމްރާން ތުހުމަތު ކުރެއްވި އެވެ.

އިމްރާން މިހެން ވިދާޅުވި އިރު، ޔާމީނަށް ވަކީލުންގެ ބައްދަލުވުމަކަށް ފުރުސަތު ދިނުމަށް ކޯޓުން އަމުރެއް ނެރެފައި ނުވާ ކަމަށް ކަރެކްޝަންސުން ވެސް މިއަދު ވަނީ ބުނެފަ އެވެ.

ނަމަވެސް، ވަކީލުންގެ ފަރާތުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ޔާމީން ވަކީލުންނާއި އެކަހެރިކޮށް ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށް ކަރެކްޝަންސުން ވަނީ ބުނެފަ އެވެ. މީގެ ކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރޭވެނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ކަރެކްޝަންއިން އަންގާފައި ވާނެ ކަމަށް ބުންޏެވެ.