ކުޅަދާނަ ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)، އައު ޑްރާމާ ސިލްސިލާއެއްގެ މަސައްކަތް ފަށައިފި އެވެ.
ޔޫއްޕެ މިފަހަރު ބެލުންތެރިންނަށް ގެނެސްދޭނީ "ހުވާ ކޮށްފަބުނަން" މި ނަމުގައި ގެނެސްދޭ 26 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެކެވެ. މިއީ މުޖްތަމައުއަށް ތަފާތު މެސެޖްތަކެއް ދެވޭ ގޮތަށް ލޯބި އަދި މަޖާ ކަންތައްތަކެއް ފެނިގެންދާނެ ސިލްސިލާއެކެވެ.
މި ޑްރާމާއިން ފެނިގެންދާނީ އަހުމަދު ސައީދު، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މިފަހުން ފިލްމީ ދާއިރާއަށް ތައާރަފްވި ޝިފާ، ޝިޔާ އަދި ނަތާވެސް ފެނިގެންދާނެއެވެ.
ވާހަކަ ލިޔެ، ޑައިރެކްޓް ކުރަނީ ޔޫއްޕެއެވެ. ކެމެރާ ކުރަނީ އައްޔަ (ގޮޅާ) އެވެ. ފިލްމުގެ ޝޫޓިން މިއަދު ވަނީ ފަށާފައެވެ.
އަވަސްއާ ވާހަކަދައްކަމުން ޔޫއްޕެ މިއަދު ބުނީ ޑްރާމާ ސިލްސިލާގެ މަސައްކަތް ފެށުނީ ފިލްމީ ދާއިރާއަށް އެހީތެރިވެދޭ ބޭފުޅެއްގެ އެހީތެރިކަމުގައި ކަމަށެވެ.
"މިއީ އެންމެންނަށްވެސް ވަރަށް ދަތި ވަގުތެއް. ފަންނާނުންވެސް ތިބީވެސް އެފަދަ ހާލަތެއްގައި. އެހެންވީމަ ދާއިރާއަށް ހެޔޮ އެދޭ ބޭފުޅެއްގެ ދީލަތި އެހީތެރިކަމާއެކު މި މަސައްކަތް މި ފެށުނީ. ބޭނުމަކީ ތަރިންނަށްވެސް ފުރުސަތެއް ދިނުން،"
ޔޫއްޕެ ބުނީ ޑްރާމާ ސިލްސިލާގެ މުޅި މަސައްކަތް ނިންމާލެވޭނީ ދެ މަސްދުވަސް ފަހުން ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނީ ކޮންމެ އެޕިސޯޑެއްވެސް ނަގާ، އެޑިޓިން ނިންމާ ޑަބްކޮށް ހުރިހާ ކަމެއް ނިންމުމަށްފަހު އަނެއް އެޕިސޯޑްގެ މަސައްކަތް ކުރާގޮތަށް. އެހެންވީމަ މުޅިން ކޮންޕްލީޓްކުރަން ދެމަސް ހޭދަވާނެ ކަމަށް ބެލެވޭ،"
ޑްރާމާ ޝޫޓް ކުރަނީ ހުޅުމާލޭގެ އެކި ލޮކޭޝަންތަކުގައެވެ.
ޔޫއްޕެ ބުނީ ޑްރާމާ ސިލްސިލާއެއްގެ މަސައްކަތް މިއަދު ފެށިނަމަވެސް ޑްރާމާ އަދި ދައްކާނެ ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
"ވާހަކަ ދައްކާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ގޮތަކަށް ޑްރާމާ ދޫކޮށްލާނަން،" ޔޫއްޕެ ބުންޏެވެ.