އިންޑިއާ

އިންޑިއާއިން 85 މިލިއަން ރުފިޔާ ދީފި

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ފައިސާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 85 މިލިއަން ރުފިޔާގެ އެހީ މިނިސްޓަރު އަބްދުﷲ ޝާހިދުއާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

މިއާއެކު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ 9 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދިޔައީއެވެ. މި ނުވަ ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫ އަދި ހުޅުމީދޫގައި ގޭދޮށު މަސް ފެކްޓްރީ ގާއިމު ކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫއާއި ފޭދޫއާއި ހުޅުދޫ އަދި މީދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީ ކުރުމުގެ އިތުރުން ހއ ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ ޕްރޮޖެކްޓެވެ.

މި މަސައްކަތްތައް ހިންގުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެއްވިފައެވެ.