ވިޔަފާރި

މިފްކޯ އިން "ގިތެޔޮމިރުސް މަސްދަޅު" ތައާރަފުކޮށްފި

މިފްކޯ އިން ދިވެހިންގެ ރަހަތަކަށް ކަމުދާ ގޮތަށް، "ގިތެޔޮމިރުސް މަސްދަޅު / ޓޫނާ ޗަންކްސް ވިތު ހޮޓް ޗިލީ" ތައާރަފް ކޮށްފި އެވެ.

މިފްކޯގައި މިރޭ ކުރިއަށްދިޔަ ހަރަކާތެއްގައި ވަނީ މި ޕްރޮޑަކްޓު ތައާރަފްކޮށް ކަސްޓަމަރުންނަށް ރަހަދައްކާލާފަ އެވެ. މިފްކޯގެ ސީނިއާ އެގްޒެކެޓިވް، މިފްރާހް ނަސީމް ވިދާޅުވީ އެ ކުންފުނިން އަހަރީ ދުވަހު ތައާރަފް ކުރި، ހޮޓް ޕެކް (އަސޭމިރުސް އާއި ހިކި މިރުސް ފްލޭވާގެ މަސްދަަޅު) އަށް އައި ޑިމާންޑް އާއެކު އިތުރު ޕްރޮޑަކްޓެއް ތައާރަފު ކުރުމަށް ނިންމީ ކަމަށެވެ.

މިއަދު ނެރުނު މަސްދަޅު ވިއްކަން ފަށަނީ ކޭހެއް 670 ރުފިޔާ އަށެވެ. އަދި ވަކިން 14.50 ރުފިޔާ އަށެވެ.

"މި ޕްރޮޑަކްޓް އަކީ ކުރިން ނެރުނު ރޭންޖް އަށް އިތުރުވި ޕްރޮޑަކްޓް އެއް. ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ޕްރޮޑަކްޓްތައް މި ރޭންޖް އަށް އިތުރުވާނެ" މިފްކޯ އިން މައުލޫމާތު ދިނެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ގިތެޔޮ މިރުހުގެ މަސްދަޅަކީ ރާއްޖެއިން މިހާރު ލިބެން ހުރި އެންމެ މީރު ކުޅި މިރުސް އަޅައިގެން ބަންދުކޮށްފައިވާ މަސްދަޅު ކަމަށެވެ. އަދި، ސެލެޑާއި ނޫޑްލިސް އާއި ޕާސްތާ ފަދަ ތަކެއްޗަށްވެސް މި މަސްދަޅު އަޅައިގެން ތައްޔާރު ކުރެވޭނެ ކަމަށެވެ.

މި މަސްދަޅު މާދަމާ އިން ފެށިގެން މިފްކޯގެ ތިން މަސްފިހާރައިގެ އިތުރުން އައިސްޕްލާންޓުތަކުންނާއި، މަސްފިހާރާގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަސްމީރު ގޭދޮށު ފިހާރައިންވެސް ހޯލްސޭލްކޮށް އަދި ވަކިންވެސް ލިބޭނެ އެވެ.